twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގެ ލައިޓް ޕްރޮޖެކްޓް ނިންމަން އަނެއްކާވެސް އާ ތާރީހެއް

އަބްދުލް ވާހިދު ޙަސަން
Feb 25, 2023
2

ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްތެރޭގައި ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭގައި ބައްތި ހަރުކޮށް ނިމޭނެކަމަށް ބުނެ ސަރުކާރުގެ އެކި ތާރީހުތައް މީގެ ކުރިންވެސް ދީފައިވެ އެވެ. އެކަމަކު މިސަރުކާރަށް ފަސް އަހަރުވެގެންދާއިރު އެމަސައްކަތް ނިންމާނުލެވޭތީ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން ބުރާސްފަތިދުވަހު ރޭ ބޭއްވި ބައްދަލުވުމުގައި، ރައްޔިތަކު ސުވާލުކުރީ ކުރިއަށްއޮތް ފަނަރަ އަހަރު ތެރޭގައި އެއާޕޯޓްގެ ރަންވޭގައި ލައިޓް ހަރުކުރެވޭނެ ތޯ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މޭޔަރު އާތިފު ވިދާޅުވީ، ރައީސް އޮފީހުން އެންމެފަހުން ބުނެފައިވަނީ، ކުރިއަށް އޮތް ދެ ތިންމަސް ދުވަހުގެ ތެރޭގައި ރަންވޭގެ ލައިޓްކުރެވޭނެ ކަމަށެވެ.

"އެބޭފުޅުން [ރައީސް އޮފީހުން ދެއްވީ] ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ބައްތި ޖެހޭނެޔޭ މިހާރު އެއާޕޯޓް ހުޅަނގު ތޮށިގަނޑު އެދަނީ ޖެހެމުންނޭ. އެއާއެކީ ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެޔޭ." މޭޔަރު ވިދާޅުވި އެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ އެއާޕޯޓް ރަންވޭގައި ބައްތި ޖެހުން ލަސްވެގެންދިޔައީ އެއާޕޯޓް ހުޅަނގު ފަރާތުގެ ތޮށިގަނޑު ނުޖެހިގެންނެވެ. ކުރީގެ ސަރުކާރުގައި އެމްޓީސީސީން އެތަނުގައި ހިލަތޮއްޓެއް ޖެހި އެވެ. އެކަމަކު އެތަނުގައި ޖެހި ހިލަތޮއްޓަކީ އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓްގައި ހިމެނި އަދަދަށްވުރެ ސައިޒުގެ ގޮތުން ކުދި ހިލަތަކެއްކަމުން އެތަން ގިރާލީ އެވެ.

މިސަރުކާރުން އަނެއްކާވެސް އެމްޓީސީސީއަށް އެމަޝްރޫއު ހަވާލުކުރިނަމަވެސް އަހަރެއް ވެގެންދިޔައިރުވެސް އެ މަސައްކަތް އޮތީ ނިންމާނުލެވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355