ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީން 4 - 2 ން ނާންޓެސް ބަލިކުރި މެޗުގައި ކީލިއަން އެމްބާޕޭ ޖެހި ގޯލާއެކު ޕީއެސްޖީގެ ތާރީހުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާ އެޝަރަފު އެމްބާޕޭ ހޯދައިފި އެވެ.
މީގެކުރިން މިރެކޯޑް އޮތީ 200 ގޯލު ޖަހައިގެން އެޑިންސަން ކަވާނީ އަތުގަ އެވެ. ނަމަވެސް 24 އަހަރުގެ އެމްބާޕޭ ރޭ ޕީއެސްޖީއަށް ޖަހައިދިން ލަނޑާއެކު އޭނާ ވަނީ 247 މެޗުން 201 ލަނޑު ކާމިޔާބުކޮށް މިޝަރަފު ހާސިލްކޮށްފަ އެވެ.
އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ އޭއެސް މޮނާކޯ ދޫކޮށް 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ފީފާ ބެސްޓް އެވޯޑްސްގައި އެމްބާޕޭ ވަނީ ވޯލްޑް 11 ގައި ވެސް ހިމެނިފަ އެވެ.
ރޭ ނަންޓޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީން ވަނީ 12 ވަނަ މިނެޓުގައި ލީޑު ނަގާފަ އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލިއޮނަލް މެސީ އެވެ. 17 ވަނަ މިނެޓުގައި ޕީއެސްޖީން ދެވަނަ ލަނޑެއް ޖެހިއިރު މިލަނޑަކީ ނަންޓޭސްގެ ހަޖާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެހެންނަމަވެސް 2 - 0 ން ޕީއެސްޖީން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމައިނުލެވުނެވެ. 31 ވަނަ މިނެޓުގައި ލުޑޮވިކް ބްލާސް ވަނީ ނަންޓޭސްގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅުގެ ތެރޭގައި އިގްނާޝިއަސްގެ ލަނޑުން ނަންޓޭސްއިން ނަތީޖާ ހަމަހަމަކުރި އެވެ. ޕީއެސްޖީން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 60 ވަނަ މިނެޓުގައި ޑަނީލޯ ޕެރޭރާގެ ލަނޑުންނެވެ.
އަދި އިތުރު ވަގުތުގައި އެމްބާޕޭގެ ލަނޑުން ޕީއެސްޖީން ވަނީ މެޗުގައި ލީޑު ފުޅާކޮށް މޮޅެއް ޔަގީންކޮށްފަ އެވެ. މިލަނޑަކީ އެމްބާޕޭ ޕީއެސްޖީއަށް ޖަހައިދިން 201 ވަނަ ގޯލެވެ.