މިފަހަރުގެ ޕްރިމިއާ ލީގުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް ކުރިމަތިލުމުގައި ހައިރާންކުރުވަނިވި ގޮތަކަށް ލިވަޕޫލުން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް 7 ގޯލު ޖަހާ އެޓީމު ލަދުގަންނަވާލައިފި އެވެ.
ކޯޑީ ގަކްޕޯއާއި ޑާވިން ނޫނޭޒް އަދި މުހައްމަދު ސަލާހު، މިއިން ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ޖެހިއިރު ލިވަޕޫލުން ވަނީ އެޓީމުގެ ފެންވަރު ދައްކާލާފަ އެވެ. ފިރްމީނޯ ލިވަޕޫލުގެ 7 ވަނަ ލަނޑު ޖަހައިދިން ލިވަޕޫލުން މިވަނީ އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ބޮޑު މޮޅެއް ހޯދާފަ އެވެ.
އެރިކް ޓެން ހާގްގެ ޔުނައިޓެޑުން ދަމަހައްޓަމުން އައި 11 މެޗުގެ ބަލިނުވުމުގެ ރެކޯޑަށް ނިމުން އައިއިރު އެޓީމުން ވަނީ ދާދިފަހުން ނިއުކާސަލް ބަލިކޮށް ކަރަބާއޯ ކަޕްގެ ތަށި ވެސް ހިއްލާލާފަ އެވެ.
މިމެޗުގައި ޖެހި ދެލަނޑާއެކު ޖުމްލަ 129 ލަނޑު ހަމަކޮށް މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ތާރީހުގައި ޕްރިމިއާ ލީގުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
ލިވަޕޫލުގެ ސަޕޯޓަރުންގެ ހިތުން މިނަތީޖާ ހަނދާން ނުނެތޭނެއިރު ލިވަޕޫލުން ވަނީ ދެވަނަ ހާފުގައި 6 ގޯލު ވައްދާލާ ޔުނައިޓެޑް ލަދުގަންނަވާލާފަ އެވެ. މިމެޗުގެ ފުރަތަމަ ހާފު ޔުނައިޓެޑަށް ވެސް ވަނީ މެޗުގެ ކޮންޓްރޯލް ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މާކަސް ރަޝްފޯޑާއި ބްރޫނޯ ފަނާންޑޭޒްގެ ހަމަލާތައް ނާކާމިޔާބުވީއިރު ލިވަޕޫލުން ވަނީ މެޗުގައި ދެގޯލު ޖަހާ މުޅި މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. 7 - 0 ން ލިވަޕޫލް މޮޅުވިއިރު ލަނޑުތައް ޖަހައިދިނީ ކޯޑީ ގަކްޕޯ، ޑާވިން ނޫނޭޒް، މުހައްމަދު ސަލާހު، ކޮންމެ ކުޅުންތެރިޔަކު ލަނޑެކެވެ. އަދި 7 ވަނަ ލަނޑު ޖަހައިދިނީ ދާދިފަހުން ކުލަބަށް ކުޅުން ހުއްޓާލަން ނިންމި ލިވަޕޫލުގެ ލެޖެންޑް ރޮބާޓޯ ފިރްމީނޯ އެވެ.
މިމޮޅާއެކު ގަދަ ހަތަރެއްގައި ނިންމާލުމަށް ލިވަޕޫލުން ކުރަމުން އައި އުއްމީދު އާވިއިރު އެޓީމު މިހާރު އޮތީ ނިއުކާސަލް ފަހަތަށް ޖައްސާލާ ތާވަލުގެ ފަސްވަނައިގަ އެވެ. އަދި 4 ވަނައިގައި އޮތް ޓޮޓެންހަމަށް ވުރެ 3 ޕޮއިންޓް މަދުން ލިވަޕޫލް އޮތްއިރު އެޓީމަށް އަދި މުޅި ތާވަލު ބަދަލުކޮށްލަން އެއް މެޗު އެބައޮތެވެ.
އެންފީލްޑްގައި މޮޅުވުމަށް ޔުނައިޓެޑުން ކުރަމުން އަންނަ 7 އަހަރުގެ އިންތިޒާރަށް ނިމުމެއް ނައިއިރު އެޓީމަށް ލީގުގެ ތަށި ހޯދަން އޮތް ފުރުސަތުވެސް ގާތްގަނޑަކަށް ގެއްލުނީ އެވެ. އެއްވަނައިގައި މިވަގުތު އޮތީ އާސެނަލެވެ. ޔުނައިޓެޑް އޮތީ ސިޓީއަށްފަހު 3 ވަނައިގަ އެވެ. ސިޓީ އޮތީ ތާވަލުގެ ދެވަނައިގައި އާސެނަލަށް ވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ.