އާދިއްތަ ދުވަހު ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑާއެކު މެންޗެސްޓަރ ޔުނައިޓެޑުގެ މިޑްފީލްޑަރު ކަސެމީރޯއަށް 4 މެޗުގެ ބޭންއަކާ ކުރިމަތިވެއްޖެ އެވެ.
އާދިއްތަ ދުވަހު ސައުތެމްޓަންއާ 0 - 0 ން އެއްވަރުވި މެޗުގެ ފުރަތަމަ ހާފު ސައުތެމްޓަން މިޑްފީލްޑަރު ކާލޮސް އަލްކަރާޒްއަށް ކުރި ފައުލާ ގުޅިގެން ރެފްރީ އެންތަނީ ޓައިލާ، ކަސެމީރޯއަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ.
އެހެންނަމަވެސް ވީއޭއާރް ރެފްރީ އަންދްރޭ މެރީނާގެ އިރުޝާދަށް ވީއޭއާރް ޗެކްކުރުމަށްފަހު ރެފްރީ ވަނީ ކަސެމީރޯއަށް ސީދާ ރަތް ކާޑު ދައްކާފަ އެވެ. އޯލްޑް ޓްރެފޯޑް ދަނޑުން ކަސެމީރޯ ފައިބައިގެން ދިޔައިރު އޭނާގެ މޫނުމަތިން ހިތާމައާއި ހިތްހަމަނުޖެހުމުގެ މަންޒަރު ފެނުނެވެ.
މިއީ ޔުނައިޓެޑާއި ގުޅުނު ފަހުން ކަސެމީރޯގެ ދެވަނަ ރަތްކާޑަށް ވާއިރު އޭނާއަށް ޔުނައިޓެޑްގެ ކުރިއަށް އޮތް 4 މެޗު ގެއްލޭނެ އެވެ. މީގެކުރިން ކަސެމީރޯއަށް ރަތްކާޑު ދައްކާފައިވަނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެވެ.
31 އަހަރުގެ ކަސެމީރޯއަށް ޕްރިމިއާ ލީގުގެ 3 މެޗާއި އެފްއޭ ކަޕްގެ 1 މެޗު ގެއްލޭނެ އެވެ. އެއީ މާޗް 19 ވަނަ ދުވަހު އެފްއޭ ކަޕުގައި އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ނުކުންނަ މެޗާއި ރަށުން ބޭރުގައި އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ޕްރިމިއާ ލީގުގައި ނިއުކާސަލް އަދި 5 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަދި 8 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނުކުންނަ މެޗެވެ.
އޮޕްޓާގެ ސްޓެޓިސްޓިކްސްއަށް ބަލާލާއިރު މެންޗެސްޓަރ ޔުނައިޓެޑުން ކަސެމީރޯ ލައިގެން އަދި ނުލައި ހޯދި ކާމިޔާބީތަކަށް ބަލާއިރު އޭނާއާއެކު 37 މެޗު ކުޅެފައިވާއިރު މޮޅުގެ ރޭޓަކީ 76 އިންސައްތަ އެވެ. ނުލައި 7 މެޗު ކުޅުނު އިރު މޮޅުގެ ރޭޓަކީ 4.3 އިންސައްތަ އެވެ.
އެވަރެޖް ގޯލަށް ބަލާއިރު ކަސެމީރޯއާއެކު 1.9 ގޯލު އިންނައިރު އޭނާ ނުލައި ކުޅުނު މެޗުތަކުން އެވަރެޖް ގޮތެއްގައި ގޯލުގެ އަދަދަކީ 1.7 އެވެ. ޔުނައިޓެޑް ކޮޅަށް ވަން ގޯލުތަކަށް ބަލާއިރު އެވަރެޖްކޮށް ކަސެމީރޯއާ ހިމެނުނު މެޗުތަކުގައި ވަދެފައިވަނީ 0.9 ގޯލެވެ. އަދި ނުހިމެނުނު މެޗުތަކުން 1.7 ގޯލު އެވަރެޖް ގޮތެއްގައި ވަދެފައިވެ އެވެ.
ލީގުގައި ދެން އެންމެ އަވަހަށް ކަސެމީރޯއަށް ކުޅެވޭނީ ރަށުން ބޭރުގައި އޭޕްރިލް 15 ގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. މިބޭންގައި ޔޫރަޕުގެ މެޗުތައް ނުހިމެނޭތީ އަންނަ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެ އެވެ.
ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި ރަތްކާޑު ދައްކާ ކަސެމީރޯ ދަނޑުން ފޮނުވާލި ނަމަވެސް އެރިކް ޓެން ހާގްގެ ސައިޑުން ވަނީ ލީގުގެ ތިންވަނައިގައި ދެމިއޮތުމަށް މެޗު 0 - 0 ން އެއްވަރުކޮށް ސައުތެމްޓަން މޮޅުވިޔަނުދީ ހިފަހައްޓާފަ އެވެ.
ކަސެމީރޯއަކީ 2013 - 14 ވަނަ ސީޒަނުގައި ނެމާންޖާ ވިޑިޗަށް ފަހު ޕްރިމިއާ ލީގުގެ އެއް ސީޒަނުގައި ދެ ރަތް ކާޑު ހޯދި ފުރަތަމަ ޔުނައިޓެޑް ކުޅުންތެރިޔާ އެވެ.