twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތަރައްގީގެ ކުލަތައް ފެންނާނީ، ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެން: ރައީސް

ނަބީލާ އިސްމާޢީލް
Mar 15, 2023

އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ވިޔަސް ތަރައްގީގެ ކުލަތައް ފެންނަން ފަށާނީ، އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރަސްމީ ގޮތެއްގައި ހޮސްޕިޓަލެއްގެ ހިދުމަތް ދޭން ފެށިތާ 75 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި މިދިޔަ 75 އަހަރުގެ ތެރޭގައި މި ހިދުމަތް ރާއްޖޭގައި ތަރައްގީކޮށް ފުޅާކުރެއްވުމަށް، މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން، 1948ވަނަ އަހަރު މާލޭގައި، ހުޅުވި "ޑަކްޓަރުގެ" އާއެކު ދިވެހިންގެ ދިރިއުޅުމަށާއި އިގްތިސާދަށް ބޮޑު ބަދަލެއް އައިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ދިރުމެއްކަމުގައި ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތަކުގެ ފެންވަރުމަތިވެ ޒަމާނީވެގެން ދިއުމުގައި އަމިއްލަ ފަރާތްތަކާއި މާލެއާ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ކްލިނިކުތަކާއި ސިއްހީ މަރުކަޒުތަކުން އަދާކުރަމުން އަންނަ މުހިންމު ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމާއި 2020 ވަނަ އަހަރުގެ ތެރޭގައި ސްޓްރޯކް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފެށުމާއި އަދި މި ނޫންވެސް ސިއްހީ ދާއިރާއިން ރާއްޖޭގައި ކުރިން ނެތް، އެތައް ހިދުމަތެއް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭން، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީވަމުން އަންނައިރު ރާއްޖޭގެ އެކި ރަށްރަށުގައި 50 އެނދުގެ 6 ހޮސްޕިޓަލާއި 30 އެނދުގެ 12 ހޮސްޕިޓަލް ސަރުކާރުން އަންނަނީ ތަރައްޤީކުރަމުންނެވެ. އަދި ސިއްހީ މަރުކަޒުތަކާއެކު މުޅި މި ދާއިރާ ތަރައްޤީވެގެން އަންނައިރު، ސިއްހީ އިތުރު ހިދުމަތްތަކާއި ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަން ފާހަގަކުރައްވައި، އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ތަކުރާރުކުރެއްވިއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމާއި އަދި ސްޓޫޑެންޓް ލޯނު ސްކީމާއި ސަރުކާރުގެ ސްކޮލަޝިޕް ސްކީމްގެ ދަށުން، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ލިބެމުން އަންނަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ މި ހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް ސިއްހީ ދާއިރާގައި ހިދުމަތް ކުރެއްވި 8 ބޭފުޅުންނަށް ހަނދާނީ ލިއުމާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355