twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފުލުހުންގެ ހިދުމަތް، އާރުލާ ހަރުދަނާ ހިދުމަތަކަށް ވަނީ މުޖުތަމައާ ގުޅިގެން ހިދުމަތް ދިނުމުން: ރައީސް

ނަބީލާ އިސްމާޢީލް
Mar 19, 2023

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މުޖުތަމައާ ގުޅިގެން ހިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގް ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމައުގެ އެއްބައިކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެންކަމުގައި ފާހަގަކުރައްވާފައެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ 2021 ވަނަ އަހަރު އަމަލުކުރަންފެށި ފުލުހުންގެ އައު ގާނޫނުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި މި ގާނޫނަށް ފުރިހަމަގޮތުގައި އަމަލުކުރެވޭނީ މުޅި މުޖްތަމައު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިހިދުމަތް ބައްޓަންކޮގެންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ރައީސް ވަނީ ޒަމާނާ އެއްގޮތަށް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަމުގައި ވިދާޅުވެފައެވެ. އަދި ނަތިޖާ އެއްގެ ގޮތުން ވޭތުވެދިޔަ 5 އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ހޯދާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކުރީ ސަފުގައި ހިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ޓޭޒާ ގަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ކޮންފަރެންސަކީ ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ރާއްޖޭގެ ތާރީހުގައިވެސް އަދި ފުލުހުންގެ ހިދުމަތުގެ ތާރީހުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ކޮންފަރެންސްގެ އަމާޒަކީ ދިވެހި ފުލުހުންގެ ހިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުންކަމުގައެވެ.

އެމަނިކުފާނު ވަނީ ތަޖުރިބާކާރުންގެ އިރުޝާދާއި އިލްމީ ޙަޤީޤަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެކަން ފާހަގަކުރައްވާފައެވެ. އަދި މި ފަދަ އިލްމީ ކޮންފަރެންސެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ހިދުމަތަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ފުލުހުންގެ ހިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، އިލްމީ ގޮތެއްގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ހިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355