twitterviber whatsapp telegramfacebookyoutube instagram
29th March 2024

ވާދޫ ބަލިކޮށް ގަމަށް ރާއްޖޭގެ ފުޓްސަލް ރަސްކަން، ފުޓްސަލް ކިންގަކަށް އޮންލީ

މުޙައްމަދު އަހުމަދު
Mar 20, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ރޭ ގދ. ވާދޫ ބަލިކޮށް ފުރަތަމަ ފަހަރަށް ލ. ގަމުން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މީގެކުރިން ފައިނަލުގައި ގަމުން ވާދަކުރި ނަމަވެސް އެފަހަރު މާފަންނު އަތުން ބަލިވީ އެވެ. ރޭގެ ތައްޓާއެކު ގަމަކީ މިތަށި އުފުލާލި ފަސްވަނަ ޓީމެވެ. ތިމަރަފުށިން ތިން ފަހަރު ތަށި ނެގިއިރު މާފަންނާއި ހެންވޭރާއި ބ. ހިތާދޫއިން ވަނީ އެއްފަހަރު ތަށި ހިއްލާލާފަ އެވެ.

ގިނަ ސަޕޯޓަރުން މެޗު ބަލަން އެއްވިއިރު މިމެޗަކީ މިމުބާރާތުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ފިޒިކަލީ ވެސް ވަރުގަދަ އެއް މެޗުކަން ފާހަގަކޮށްލެވެ އެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ ފައިނަލު ގަމުން ކާމިޔާބުކުރީ 8 - 4 ންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ގަމުންނެވެ. އައްމަޑޭގެ އެސިސްޓަކުން ނާއްޓޯ ލީޑު ނެގިއިރު ގަމަށް ލީޑު ފުޅާކޮށްދިނީ އަލީ ޝާމިސް (ތޮއްޕޭ) އެވެ. ދެޓީމުން ވެސް ގިނަ ފައުލްތަކެއް ކޮށް ފައުލު ހަމަވެ ދުރު ޕެނަލްޓީތަކެއް ވެސް ފެނިގެންދިޔަ އެވެ.

އައްމަޑޭ ވަނީ 3 ދުރު ޕެނަލްޓީ ވައްދާލާ ފުރަތަމަ ހާފު ހެޓްރިކް ހަދާ ގަމަށް ބޮޑު ލީޑެއް ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި އައްމަޑޭގެ ދެޕެނަލްޓީ ވާދޫ ކީޕަރު ޒައިދާން ދިފާއުކުރިއިރު އެޓީމުގެ އަނެއް ލަނޑު ޖެހީ ތޮއްޕޭ އެވެ. ފުރަތަމަ ހާފު ގަމުން 6 ލަނޑު ޖެހިއިރު ވާދޫއިން ވަނީ 3 ލަނޑު ޖަހާފަ އެވެ. މިލަނޑުތައް ޖަހައިދިނީ ދެ ދުރު ޕެނަލްޓީއިން މުހައްމަދު ނާއިލް (އެޑީ)އާއި މުހައްމަދު އިޔާދު އަލީ އެވެ.

ދެވަނަ ހާފުގައި ވާދޫގެ އެޑީ އެޓީމުގެ ފަހު ލަނޑު ޖަހައިދީ ހެޓްރިކް ހެދި އެވެ. މެޗުގައި ގަމުގެ އަނެއް ދެލަނޑު ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އަދި ތޮއްޕޭ އެވެ. ފައިނަލުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މޮޅު ކުޅުމެއް ދެއްކި އަލީ ޝާމިސް (ތޮއްޕޭ) އެވެ.

މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމުގެ މަގާމު ނައިވާދޫއިން ހޯދިއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ދ. ކުޑަހުވަދޫ އެވެ. ގަދަ ފަހެއްގައި ހިމެނުނީ ވާދޫގެ ކެޕްޓަން އަޔާޒް އަހްމަދާއި އިޔާދުގެ އިތުރުން ކުޑަހުވަދޫގެ ޖުމައިލް ޖަމީލާއި ގަމުގެ ހުސެއިން ޝަރީފް އޮންލީއާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ.

އެންމެ މޮޅު ކޯޗަކަށް ކުޑަހުވަދޫގެ އަހްމަދު ރިލްވާން ހޮވުނުއިރު 15 ލަނޑާއެކު ޓޮޕް ސްކޯރާގެ މަގާމު ހޯދީ އިޔާދު އެވެ. އިޔާދު ވަނީ ދެވަނަ ބުރުގައި، ކުއާޓާގައި އަދި ސެމީގައި ހެޓްރިކް ހަދާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެންމެ މޮޅު ރެފްރީއަކަށް ހޮވުނީ އަހްމަދު މުނީރު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގް އޮފް ފުޓްސަލްގެ މަގާމު ހާސިލްކުރީ ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355