twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކީރިތި ޤުރުއާނުގެ ހިޔަލުގައި ދެމިތިބުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ނަބީލާ އިސްމާޢީލް
Mar 20, 2023

މި ފެށޭ ރޯދަމަހަކީ، ކީރިތި ޤުރްއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަހުލާގީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ޤުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔެވުމާއި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާހިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުގައްދަސް އަޅުކަމެއްކަން ފާހަގަކުރައްވައި އެކަމުގައި ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ގިނަ އަދަދެއްގެ ޙާފިޡުން ތިއްބެވިނަމަވެސް ޙާފިޡުންގެ ގޮތުގައި ދެމިތިއްބެވުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރޯދަ މަހު ތަރާވީހު ނަމާދުކުރުމަށް ބޭރުގެ ޙާފިޡުން ގިނަ އަދަދަކަށް ގެންނަންޖެހޭކަމީ ވެސް ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުންފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ޤުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ކީރިތި ޤުރުއާނުގައިވާ އިލްމީ ޙަޤީޤަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން ފާހަގަކުރައްވައި ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުމުގެ މުހިންމުކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން 1 ވަނަ، މުބާރާތުގެ ޙާފިޒުންގެ ގޮފިން 1 ވަނަ، މުޅި މުބާރާތުގެ 3 ގޮފި އެއްކޮށް 1 ވަނަ އަދި މުޅި މުބާރާތުން 1 ވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު އަދި 2022 ވަނަ އަހަރު ޤުރުއާން ހިތުދަސްކުރި ޙާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް އެވެ.

މި މުބާރާތުގައި ސިޓީތަކަށް ނިސްބަތްވާ 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބްޖަމުޢިއްޔާތަކާއި ޤުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާއިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ޙާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355