ކެންސަރު ސެލް އުފެދި އާލާވުމަށްޓަކާ ހަކުރު މުހިންމު ދައުރެއް އަދާކުރާކަމަށާއި ރޯދަމަހަކީ ކެންސަރު ބަލިން ރައްކާތެރިވުމަށް އާދަޔާ ހިލާފު ކަންތައްތަކެއް އެކުލެވިގެންވާ މަހެއްކަމަށް ށ އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު އަހުމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.
އާންމު ސިއްހަތަށް މީހުން ހޭލުންތެރިކުރުވަން ސޯޝަލް މީޑިއާގައި ސިއްހީ ރަނގަޅު އާދަތައް ލިޔުއްވަމުންގެންދަވާ ޒާހިދު، ވިދާޅުވީ، ކެއުމާއި ބުއިމުގައި ހަކުރު މަދުކުރުމާއި މިންހެޔޮ އަދި ދުޅަހެޔޮ ކާނާ ކެއުމަށް އާދަކޮށް ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފަ އެވެ.
އޭނާ ވިދާޅުވީ، މެދުއިރުމައްޗާއި އަރަބި ގައުމުތަކުގައި ކެންސަރު މަދު ސަބަބަކީ ރޯދަ ހިފުން ކަމުގައި ބައެއް ލިޔުންގައިވާކަމަށެވެ. އަދި ކެންސަރު ސެލްތަކަށް ހަކުރަކީ ވަރަށް ކަމުދާ އެއްޗެއް ކަމަށެވެ.
މީގެ އިތުރުންވެސް ކެންސަރު ބައްޔަށް މަގުފަހިވާ އެހެން ކަންތައްތައްވެސް ހުންނަކަން ފާހަގަކުރައްވަމުން ޒާހިދު ވިދާޅުވީ، ހަކުރަކީ މީހާ ފަލަކޮށްދޭ އެއްޗަކަށްވާއިރު ފަލަވުމަކީ ކެންސަރަށް މަގުފަހިވާކަމެއް ކަމަށެވެ.
"ކަދުރުން ރޯދަ ވީއްލުމަށްފަހު ނަމާދުން އައިސް ކާން އާދަކުރަންވީ އޭރުން ހަޖަމުގެ ނިޒާމު ހުންނާނީ ރެޑީވެފަ، އޯވަރ އީޓިންގެ ފުރުސަތު ކުޑަވާނެ." ޒާހިދު ވިދާޅުވި އެވެ.
ހަކުރު އަޅައިގެން ފަނި ގިރުމުގެ ބަދަލުގައި ހަކުރު ނާޅަ ފަނިގިރުމާއި ނޫންނަމަ ފަނިނުގިރަ މޭވާ ކެއުމަށް އާދަކުރަން އޭނާ އިލްތިމާސްކުރެއްވި އެވެ. އަދި ރޯދަމަހު ވިޔަސް ކާން ޖެހޭނީ ކާތަށީގެ 50 އިންސަތައާ އެއްވަރަށް މޭވާ އާއި ތަރުކާރީ ހިމަނައިގެން ކަމަށެވެ. ކެއުމުގައި ކިރާއި ކުކުޅު ބިހާއި މަސް ހިމެނުމަށް ޒާހިދު އެދިލެއްވި އެވެ.