twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަމަޟާންމަހުގައި ދުޢާކުރުމުގެ މުހިންމުކަން

ހ.މ
Mar 30, 2023

ބަރަކާތާއި ރަޙުމަތުން ފުރި އުތުރިފައިވާ މާތް ރަމަޟާން މަހާއި ބައްދަލުވުމުގެ ހެޔޮ ތަޢުފީޤު ދެއްވިކަމަށްޓަކައި، ގަދަކީރިތިވަންތަ މާތް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. މުއުމިނުންނަކީ، ލިބޭ މިފަދަ ކޮންމެ ރަޙުމަތެއްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. އަދި މިފަދަ އެހެން ފުރުޞަތަކަށް އެދި އެދި ތިބޭ މީހުންނެވެ.

ރަމަޟާން މަހުގައި ކުރެވޭ އަޅުކަންތަކަކީ އެހެން މައްސަރު ތަކުގައި ކުރެވޭ އަޅުކަންތަކަށްވުރެ ދަރުމަޔާ ސަވާބުގެ ގޮތުން އިތުރު އަޅުކަންތަކެކެވެ. ހަމަ އެހެންމެ މިލިޔުމުގެ އަނެއް ބައި ކަމުގައިވާ، ދުޢާ ކުރުމަކީވެސް ނުހަނު ބޭނުންތެރި މަތިވެރި ދަރުމަހުރި ޢަމަލެކެވެ. ތިމާ ހައްދަވާ ގެންގުޅުއްވާ ޚާލިޤުވަންތަ އިލާހާއި އޮންނަންޖެހޭ ގުޅުން، ގުޅުވައިދިނުމުގެ އެންމެ ބޮޑު އެއް މޭސްތެރިޔަކީވެސް ދުޢާއެވެ. ކޮންމެ ކަމެއްގައިމެ އެކަލާނގެ ހަޟްރަތަށް އެދި ދެންނެވުމަކީ މުއުމިނުންގެ ރިވެތި ސިފައެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަ ދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކުރުމުން ބޮޑާވެގަންނަ މީހާ ނިކަމެތި ޙާލުގައި ނަރަކައަށް ވަންނަ ހުއްޓެވެ." (ސޫރަތުލް ޣާފިރު 60)

ރަމަޟާން މަހުގައި ދުޢާ ކުރުމުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު 2 ވަގުތެއް ފަހިވެފައިވެއެވެ. އެއީ ރޯދައަށްހުރެ ރޯދަ ވީއްލާ ވަގުތާއި، ހާރުދަމުގެ ވަގުތެވެ. މިދެވަގުތުގައި ދުޢާކުރުން ގިނަކުރަންޖެހެއެވެ.

1. ރޯދަ ވީއްލާ ވަގުތު

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އައިސްފައިވާ ހަދީސް ފުޅެއްގައި ވެއެވެ.

"ތިން މީހެއްގެ ދުޢާ ރައްދުކުރެއްވިގެން ނުވެއެވެ. – އޭގެ ތެރޭގައި ރޯދަވެރިޔާ ރޯދަ ވީއްލުމަށް ދާންދެން ކުރާ ދުޢާ ހިމެނެއެވެ." (މިޙަދީސް ރިވާކުރެއްވީ އައްތިރުމިޛީ އިބްނު މާޖާ އިމާމު އަޙްމަދު އަދި އިބްނު ޚުޒައިމާ)

އެހެންކަމުން ރޯދަ ވީއްލާ ވަގުތުގައި ކެއުންބުއިމުގެ ކަންތައްތަކުގައި އަވަސް އަރުވާނުލައި، ތިމާ ހެއްދެވި ފަރާތަށް ކުއްތަންވެ ބޭނުންވާ ކަންތައްތަކަށް އެދި ދެންނެވުން ވަރަށް މުހިންމެވެ.

2. ހާރުދަމުގެ ވަގުތު

ކީރިތި ޤުރުއާނުގެ ސޫރަތުލް ޒާރިޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.

"އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށް އެދި ދުޢާ ކުރެތެވެ."

އެހެންކަމުން، ހާރުދަމުގައި ލިބޭ ކުޑަކުޑަ ވަގުތު ކޮޅުގެ ބޭނުންހިފައި، ތިމާގެ ބޭނުންތަކައިގެން އަރަހުށި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ކުރުން ގިނަކުރަން ޖެހވަންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355