twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދަރިވަރުން ޤުރުއާނަށް ދަށް، ކަންބޮޑުވުމެއް

އަބްދުލް ވާހިދު ޙަސަން
Apr 9, 2023
5

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 28 ވަނައެއް ހޮވަން ސިޓީ ކައުންސިލުން ނިންމި އެވެ. އެކަމަކު ވަނަ ހޯދޭވަރަށް މާކްސް ލިބިފައިވަނީ އެންމެ 13 ދަރިވަރުންނަށްކަން މޭޔަރު މުހައްމަދު އާތިފް ފާހަގަކުރެއްވީ ކަންބޮޑުވުމާއެކު އެވެ.

ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ، އާބާދީއާ އަޅާ ބަލާއިރު ޤުރުއާނުގެ ފަންނުން ކުރިއަރާފައި ތިބި ފަރާތްތައް ރަށުގައި މަދު ކަމަށެވެ. އެހެންވުމުން އެ ފަންނުން ކުރިއަރުވާ ޤުރުއާނަށް ލޯބި އިތުރުކުރުން އެއީ މި ޤުރުއާން މުބާރާތުގެވެސް މައިގަނޑު މަގުސަދުކަމަށެވެ.

މި މުބާރާތުގައިވެސް ފާހަގަކުރެވިގެންދިޔައީ ޤުރުއާނަށް ދަރިވަރުން އިސްކަންދޭ ޖެހޭ މިންވަރު ކަމަށެވެ. އެގޮތުން މޭޔަރު ވިދާޅުވީ، މުބާރާތުގައި 28 ވަނައެއް ހޮވަން ހަމަޖެހިފައިވާއިރު ވަނަތަކަށް ހޮވޭ ވަރަށް މާކްސް ލިބިފައިވަނީ އެންމެ 13 ދަރިވަރުންނަށެވެ. އެހެންވުމުން ފުދޭ ވަރަކަށް ބައިވަރު ވަނަތައް ހާސިލުނުކުރެވިހުރިކަން މޭޔަރު ފާހަގަކުރެއްވި އެވެ.

165 ދަރިވަރުން ކިޔެވި މި މުބާރާތުގައި، މޭޔަރު ވިދާޅުވީ، މީގެ ތެރެއިން 118 ދަރިވަރުންނަށް 50 އިންސަތައާ ހަމައަށްވެސް މާކްސް ޖައްސާނުލެވުނު ކަމަށެވެ.

" އޭގެ މާނައަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަން އެބަޖެހެޔޭ މިފަންނުން (ޤުރުއާން) ކުރިއެރުވުމަށް." މޭޔަރު ވިދާޅުވި އެވެ.

ޤުރުއާނަކީ ﷲ ގެ ކަލާންފުޅުކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ޤުރުއާން ރީތިކޮށް ކިޔެވުމުގެ ފަންނުން ގިނަ ފަރާތްތަކެއްގައި ހުރުމަކީ މުހިންމުކަމަށެވެ. އަދި އެކަމަށް ހުރިހާ ފަރާތްތަކެއް މަސައްކަތްކޮށްދެއްވުމަށްވެސް މޭޔަރު އެދިވަޑައިގެންނެވި އެވެ.

"ޤުރުއާން ރީތިކޮށް ކިޔެވުމުގެ ފަނުން އަޅުގަނޑުމެންގެ ގިނަ ފަރާތްތަކެއްގައި ހުރުމަކީ މުހިންމުކަމެއްކަން ގަބޫލުކުރަން. އަދި އެކަމަށް ތި އެންމެ ބޭފުޅުން މަސައްކަތް ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް." މޭޔަރު ވިދާޅުވި އެވެ.

ސްކޫލުތަކުގައި އާއި ޤުރުއާން ކުލާސްތަކުގައި ކިޔަވާ ދަރިވަރުންވެސް މިހާރަށްވުރެ ބޮޑަށް މިފަންނުން ކުރިއެރުވުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމަށާއި މިއީ އެންމެ މީހަކަށް ނުވަތަ އެންމެ ސްކޫލަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. މި ފަންނުން ކުރިއެރުވޭނީ ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކުކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ފަނޑިޔާރުންގެ ޕެނަލްގެ ފަރާތުން ވާހަކަދެއްކެވި އަލްގާރީ ހުސެއިން ތަވްފީޤް ވިދާޅުވީ، ހިތްހަމަޖެހޭ ވަރަށްވުރެ ދަރިވަރުން އުޅެނީ "ފަހަތުގައި" ކަމަށެވެ. މިއީ ހަމައެކަނި ކުޅުދުއްފުށީގައި ދިމާވާ މައްސަލައެއް ނޫން ކަމަށާ މުޅި ރާއްޖޭގައިވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ޤުރުއާނުގެ އިލުމު ކުރިއެރުވުމަށްޓަކާ ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭކަން އޭނާވެސް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355