ކުޅުދުއްފުށީގައި އެސްޓީއޯއިން އަޅަން ނިންމި ފުށް ފެކްޓްރީ ނޭޅި އޮތީ ސަރުކާރުން އެކަން ކުރަން ބޭނުންނުވެގެން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯއިން ކުޅުދުއްފުށީގައި ފުށާއި ހަނޑުލުގެ ފެކްޓްރީ އަޅަން ނިންމާ އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. އެތަނަށް ބޭނުންވާ ބިންވެސް ހަމަ އެއަހަރު ސިޓީ ކައުންސިލުން ހަމަޖެއްސި އެވެ. އަދި ފުށް ފެކްޓްރީ އެޅުމުގެ މަސައްކަތް ހަމަ އެއަހަރު ކުރާނެކަންވެސް ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އިއުލާނުކުރެއްވި އެވެ. އެކަމަކު މިއަދާ ހަމައަށްވެސް އެކަމުގެ އަމަލީ މަސައްކަތް ނުފެށި އޮތުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެސްޓީއޯއާ ހަވާލުކުރުމުގެ ކުރިންވެސް ވާނީ ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު ވާހަކަދައްކާފަކަމަށާއި ރާއްޖޭގައި ފުށް ފެކްޓްރީއެއް އެޅުމަކީ އޭނާގެ ޕްލޭނެއް ކަމަށެވެ.
އަދި މިހާތަނަށް އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އަޅަން ބޭނުން ނުވެގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
”ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އަޅުގަނޑު ވާނީ އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފަ. ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އަޅުގަނޑުގެ އެއް ޕްލޭން. އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން." އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު
ފުޑް ސެކިއުރިޓީ ޔަގީންކުރުމާމެދު އަޅުގަޑު ވާނީ އެސްޓީއޯ އާ ހަވާލުވުމުގެ ކުރިންވެސް ވާހަކަ ދައްކާފަ. ރާއްޖޭގަ ފުށް ފެކްޓްރީއެއް އެޅުމަކީ މިކަން ކުރުމަށް އަޅުގަޑުގެ އެއް ޕްލޭން. އެކަން ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން. އިތުރު ތަނެއްވެސް ނުދެއްކިގެން. https://t.co/9mEWbD5FD1
— Amr 🎈 (@HusenAmr) April 11, 2023
އެސްޓީއޯއިން ގޮދަން ފުށް ފެކްޓްރީ އަޅަން ފެށުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވަނިކޮށް އެ މަސައްކަތް ރައީސް އޮފީހުން ހުއްޓުވީ ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި ކުޅުދުއްފުށީ މޭޔަރު ތާއިދުކުރެއްވުމުންނެވެ.
މީގެ ކުރިން ކޭއޯއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޕީ ޔާސިރު ވިދާޅުވެފައިވަނީ، ފުށް ފެކްޓްރީ، އަދި ހަނޑޫ ގުދަނުގެ އަމަލީ މަސައްކަތް ލަސްވަނީ ރައީސް އޮފީހުން ވަކި ގޮތެއް ނުނިމިގެންކަމަށް އެނގިފައިވާކަމަށެވެ.
ޔާސިރު ވިދާޅުވެފައިވަނީ، އެސްޓީއޯ އިން އޮތީ އެ މަސައްކަތް ފެށުމަށް ތައްޔާރަށްކަމަށް އެސްޓީއޯގެ ފަރާތުން ބުނެފައިވާކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކޮށްފައިވާއިރު، ޑިޒައިން ވޯކްސްވެސް ވަނީ ނިންމިފަ އެވެ. ނަމަވެސް މިމަސައްކަތް ނުފެށި ލަސްވަނީ ރައީސް އޮފީހުން ލޮކޭޝަން އާއި ގުޅޭގޮތުން އަލުން ގޮތެއް ނިންމަށް ބޭނުންވެ، އެކަމަށް ގޮތެއް ނުނިމި ވާތީކަމަށް ޔާސިރު ވިދާޅުވެފައިވެ އެވެ.
ޔާސިރު އިތުރަށް ވިދާޅުވެފައިވަނީ މި ފެކްޓަރީގެ މަސައްކަތަކީ ކުރިން ސަރުކާރުގެ ހުރިހާ ލެވެލްއަކުން ގޮތްނިމި، ރަސްމީކޮށް އިއުލާންކުރެވި، އެ ޕްރޮޖެކްޓަށް އެތަކެއް އަމަލީ މަސައްކަތްތަކެއް ކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ލޮކޭޝަން ކަނޑައެޅިފައިވަނީ ދިވެހި ރައްޔިތުންގެ ކުންފުނި އެސްޓީއޯއަށްވެސް އަދި ދިވެހި ގައުމަށްވެސް އެންމެ ފައިދާވާނެ ގޮތް ބެލިގެން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތް ވީހާވެސް އަވަކަށް ނިންމާ ދެއްވުމަށް ރައީސް އޮފީހުގައި އެދިފައިވާނޭކަމަށް ޔާސިރު ވިދާޅުވެފައިވެ އެވެ.
އަތޮޅުތެރޭގެ އެއްރަށަކަށް އެންމެ ގިނައިން ކާޑު ގެންނަނީ ކުޅުދުއްފުއްޓަށެވެ. އެކަން އެސްޓީއޯގެ ތަފާސް ހިސާބުތަކުންވެސް އެނގެ އެވެ.