ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގައި ފިޔާގެ ސްޓޮކް ހުސްނުވެ އެބަހުރި ކަމަށާއި، އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބަޔާންކޮށްފައިވާ ގޮތުން، ބާޒާރުން ފިޔާ ލިބުން ދަތިވެ އަގު އިންތިހާއަށް ބޮޑުވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން، އެއްވެސް ބަދަލެއް ނުގެނެސް، އާންމުކޮށް ވެސް އެ ކުންފުނިން ފިޔާ ވިއްކަމުން އައި އަގުކަމަށްވާ 13 ރުފިޔާއަށް މިހާރު ވެސް ކިލޯއެއް ގަންނަން ލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ.
އަތޮޅުތެރޭގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހޯލްސޭލް އުސޫލުން ފިޔާ ވިއްކުމުގެ މަސައްކަތް ފަށާނެކަން ވެސް އެސްޓީއޯއިން ވަނީ އިއުލާނުކޮށްފައެވެ.
އަދި މާލެއެކޭ އެއްފަދައިން ރަށްރަށުގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ބޭނުންވާ ވަރަށް ފިޔާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.




