މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސްއިން އެކުންފުނީގެ އެޕްރެންޓިސްޝިޕުގެ ތިންވަނަ ރެކްރޫޓްމަންޓް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. މި ޕްރޮގްރާމް އޮންނާނީ އޭޕްރިލް 14 ވާ ހުކުރު ދުވަހު އެވެ.
މި އޯޕަން ޑޭއިން އެންމެ ފަހުން މެރިއޮޓް އިންޓަނޭޝަނަލްއާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެކެވުނު މަގްސަދު ހާސިލް ވެގެންދާނެ އެވެ.
މި ޕްރޮގްރާމަކީ ކެރޭ ޒުވާނުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަމަލީ ގޮތުން ޝާމިލުވެ މުހިންމު ތަޖުރިބާތަކެއް ލިބި އެޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް ކުންފުންޏާއެކު ކުރިއަރާ ދިއުމާއި ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޗެއިންގައި ތަޖުރިބާ ހާސިލްކުރުމަށް ހުޅުވާލަދޭ ރަނުގެ ފުރުސަތެކެވެ.
މި ސެޝަންތައް ކުރިއަށްދާނީ އޭޕްރީލް 14 ވަނަ ދުވަހު މެންދުރު 2 ން 5 އަށް އަދި ރޭގަނޑު 8:30 ން 10:30 އަށެވެ. މި ޕްރޮގްރާމް އޮންނާނީ ޖަލާލުއްދީން ސްކޫލްގަ އެވެ.
10 މަސްދުވަހުގެ މި ޕްރޮގްރާމަށް ހޮވޭ ޒުވާނުން މަސައްކަތް ކުރާނީ އެމީހުންނަށް ހާއްސަވާ ދާއިރާއަކުން އެމީހަކަށް ހަވާލުކުރެވޭ ރިޒޯޓެއްގަ އެވެ. އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ގަބޫލުކުރާ ސެޓްފިކެޓް ލެވެލް 3 ހާސިލްކުރުމަށް ތިއަރީ ސެޝަންތަކެއް ވެސް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދާނެ އެވެ.
އަދި މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވޭ ބައިވެރިންނަށް ދެވަނަ އަހަރެއްގެ ފުރުސަތާއެކު ސެޓްފިކެޓް ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ހާސިލްކުރުމުގެ ފުރުސަތު އެޕްރެންޓިސުންނަށް ލިބޭނެ އެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ބައިވެރިންގެ އުމުރުން 16 އަހަރު ފުރިފައިވުމާއެކު 8 މަހުގެ ޕްރޮގްރާމް ނިންމުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދޭން ޖެހޭނެ އެވެ. އަދި މީގެއިތުރުން ޖީސީ އޯލެވެލް ނުވަތަ އޭލެވެލް ކޮލިފިކޭޝަން އޮތުމާއެކު އިނގިރޭސި ބަހުން ސާފުކަމާއެކު މުއާމަލާތުކުރަން އެނގެން ޖެހޭނެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރުމާއި ފްލެކްސިބިލިޓީ (ކަންކަމަށް ހޭނިގަންނަ ގަތުން) ހުންނަން ވާނެ އެވެ.
މެރިއޮޓް އިންޓަނޭޝަނަލްއިން ޔޫތް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާނީ ރާއްޖޭގައި އެކުންފުނިން ހިންގާ 7 ރިސޯޓުގަ އެވެ. އެއީ ރިޒްކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް، ސެއިންޓް ރީޖަސް ވޮއްމުލި ރިސޯޓު އަދި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއާއި ޑަބްލިއު މޯލްޑިވްސްގެ އިތުރުން ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާއާއި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ވެސްޓިންގ މޯލްޑިވްސްގަ އެވެ.
މެރިއޮޓް އިންޓަނޭޝަނަލްއަކީ އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ ބްރޭންޑްތަކުގެ ތެރެއިން ދިވެހި ސަރުކާރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއެކު އެއްބައިވެގެން ޓްރެއިނިން ޕްރޮގްރާމެއް ބާއްވާ ފުރަތަމަ ބްރޭންޑްކަން ފާހަގަކޮށްލެވެ އެވެ. މިއީ ސަރުކާރަށާއި މެރިއޮޓް އިންޓަނޭޝަނަލް އަށް ހޮސްޕިޓާލިޓީ ދާއިރާއިން އާންމު ހުނަރުތައް އުފެއްދުމުގެ މަސައްކަތުގައި ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.
ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މީހުންނަށް ފުރުސަތު ލިބޭއިރު މި ޕްރޮގްރާމް އަންނަ މެއި މަހުގެ ކުރީކޮޅުގައި ފެށިގެންދާނެކަން މެރިއޮޓް އިންޓަނޭޝަނަލްއިން ހާމަކުރެ އެވެ.