މިނިސްޓްރީން ބުނަނީ މަސައްކަތް ހުއްޓިފައި އޮތީ މިނިސްޓްރީ ނުވަތަ ސަރުކާރުގެ މައްސަލައަކުން ނޫންކަމަށް.
ކުޅުދުއްފުށީ ދަމަނަވެށި އިމާރާތުގެ ސައިޓްގައި މަދިރި އުފެދި އެ ސަރަހައްދަކުގައި އުޅޭ ފަރާތްތަކުގެ ޝަކުވާ ބޮޑުވެއްޖެ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ އިންތިހާބު ދާދި ގާތްވެފައިވަނިކޮށް، އިމާރާތުގެ އަމަލީ މަސައްކަތް ފެށި މިތަނުގެ ކޮންކުރީޓް މަސައްކަތްކުރުމަށް ކޮނުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެ އެވެ. އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ކޮންކުރީޓްގެ މަސައްކަތަށް އެ ސަރަހައްދު ކޮނެފައިވާއިރު އެތަނުގައި އޮތީ ބޮޑު ފެންގަނޑެކެވެ. ވަށައިގެން މީހުން ދިރިއުޅޭ އެސަރަހައްދުގައި އެތަކެއް ސަތޭކަ ދަރިވަރުން ތައުލީމު ހާސިލުކުރާ ދެ ސްކޫލެއްވެސް އޮވެ އެވެ.
އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނީ، އެތަން ކޮނެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން އެތަނުގައި ގިނަ އަދަދަކަށް މަދިރި އުފެދި އާލާވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅި އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް އުނދަގޫވާކަމަށް އެ މީހުން ބުންޏެވެ.
މަދިރީގެ އުނދަގޫ ބޮޑުވެ އެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭ ގަޑިތަކުގައި ބައެއް ކުލާސްތަކުގައި ދުންދަނޑިވެސް ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެކަމުގެ ޝަކުވާ ބޮޑުވާ ދުވަސްތަކުގައި ހޮސްޕިޓަލުން އެތަނަށް ބޭސް އަޅާކަމަށާއި އެހެންވުމުން ދުވަސްކޮޅަކަށް މަދިރި މަދުވެ އެވެ.
" ދޭތެރެ ދޭތެރެއިން މަދިރިއަށް ބޭސް އަޅާނެ. އެކަމަކު ހަމަ ދުވަސްކޮޅަކުން ގިނަވޭ." ކޭއޯއަށް މައުލޫމާތު ހިއްސާކުރި މީހަކު ބުންޏެވެ.
ނޯތް ކޯސްޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ދަމަނަވެށި އިމާރާތް ހަދަން ހެލްތް މިނިސްޓްރީ ސޮއިކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ކުރީ ކޮޅު އެވެ.
ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ހެލްތް މިނިސްޓްރީގެވެސް ކަންބޮޑުވުމެކެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ކޭއޯއަށް ވިދާޅުވީ، ދަމަނަވެށީގެ މަސައްކަތް ހުއްޓިފައިވަނީ ހެލްތް މިނިސްޓްރީން ނުވަތަ ސަރުކާރުގެ ސަބަބުން ނޫން ކަމަށެވެ.
އެ މަސައްކަތް ލަސްވަމުންދާތީ އެކަން އަވަސްކުރުމަށް އެކުންފުންޏާއެކު ވާހަކަދައްކާފައިވާ ކަމަށާއި މިނިސްޓްރީއަށް ގެނެސް، މަޝްވަރާކުރެވި އާ ޓައިމްލައިނެއްވެސް އެކުލަވާލައިވާކަމަށް އާދިލް ވިދާޅުވި އެވެ.
"އާ ޓައިމްލައިނަށްވެސް މީޓް ނުވެ އެދަނީ. ޕެންޑިންގ ބިލެއްވެސް ނޯނާނެ." ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ރިވައިސްކުރި ޓައިމްލައިންގައިވާގޮތުން އެތަނުގައި ފައުންޑޭޝަން މިމަހުގެ 14 ވަނަ ދުވަހު އަޅަން ޖެހެ އެވެ. އެކަމަކު އެގޮތަށް އެ ކުންފުނިން އަމަލުކޮށްފައެއް ނުވެ އެވެ.
އާދިލް ވިދާޅުވީ، ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ އެއްވެސް ޕޭމެންޓެއް ނުދައްކަ ނޯނާނެ ކަމަށާއި އެޑްވާންސް ޕޭމެންޓްވެސް އެއްބަސްވުމުގައި ސޮއިކުރިތާ 10 ދުވަސްތެރޭގައި ދައްކާ ނިންމާފައިވާނޭކަމަށެވެ. އެ މަޝްރޫއު އަވަސްކުރުމުގެ ގޮތުން ޑީވޯޓަރިންގއަށްވެސް ސިޓީ ކައުންސިލުން ހުއްދަދީފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަދިރި ފަނީގެ މައްސަލާގައި އެކަން ހައްލުކުރުމަށް މިދިޔަ މަހުގެ 15 ގައި ކޮންޓްރެކްޓަރަށް ވާނީ އަންގާފަކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސައްބީސް މިލިއަން ހަލައްކަ ނުވަދިހަތިންހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ތޭވީސް ލާރި (26،693،380.23) އަށް ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.