ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮންމެ ކޮތަޅަކުން ރޭ 12 އިން ފެށިގެން 2 ރުފިޔާ ނަގަން ފަށައިފި އެވެ. މިއީ މިދިޔަ އަހަރު ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތަށް ގޮތުގެ މަތިންނެވެ.
"ކުނި މެނޭޖްކުރުމުގެ ޤާނޫނު" ގައި ވާގޮތުން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހެއެވެ. އަދި، މީރާގައި ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިސްވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުން ވަނީ ލާޒިމުކޮށްފައެވެ.
މި ގަވާއިދުގެ ދަށުން، ސުން ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލެއް ނުވަތަ ޙިދުމަތެއް ފޯރުކޮށްދިނުމަށް ފަހު، ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅަކަށް ވެސް ދެ ރުފިޔާގެ ފީއެއް ނެގޭނެއެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު، ޖީއެސްޓީ ބަޔާނުގައި ހުށަނާޅާ ނަމަ ނުވަތަ ފޯރުކޮށް ނުދޭ ނަމަ އެއީ ގާނޫނީ ކުށެކެވެ. އަދި މި ކުށުގެ އަދަބެއްގެ ގޮތުން ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ ފީގެ އަދަދުގެ 0.5 ޕަސެންޓުން ޖޫރިމަނާ ކުރުމާއި އަދި މައުލޫމާތު ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އަދި ޕްލާސްޓިކް ކޮތަޅުގެ ފީ ނުދެއްކުމުގެ އަދަބުގެ ގޮތުން ފީގެ އަދަދު ދައްކަން ޖެހޭ ދުވަހުން ފެށިގެން ފާއިތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކައި އޮތް އަދަދުގެ 0.05 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެއެވެ.
ނަމަވެސް ބައެއް ހާލަތްތަކުގައި ކޮތަޅުން އަގު ނެގުން އިސްތިސްނާ ވާނެ އެވެ.
އެއީ ބަންދު ނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅާއި ޑިއުޓީ ފްރީން ވިއްކާ ކޮތަޅުގެ އިތުރުން ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅެވެ.
މީގެ އިތުރުން، ގަވާއިދުގެ ދަށުން މުދާ ވިއްކަން ބޭނުންވާ ފެންވަރަށް މުދާ ބަންދު ކުރުމަށް އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ޓެކްސްއެއް ނުނަގާނެއެވެ. އަދި ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް މީރާ އަށް ދައްކަން ޖެހޭނީ ދިވެހި ރުފިޔާ އިންނެވެ.
2030ގެ ނިޔަލަށް ޒީރޯ ޕްލާސްޓިކް ގައުމަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެެކެވެ. އަދި 2023 ވަނަ އަހަރުގެ ކުރީން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.