ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރާވައި ހިންގައިދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ. ކުޅުދުއްފުށީގައި ބާއްވާ އެންމެ އަގުބޮޑު މި މުބާރާތް މިއަހަރު ބާއްވަން ތާވަލުކޮށްފައިވަނީ ޖޫންމަހުގެ ތިންވަނަ ދުވަހު އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން އިންތިޒާމުކުރާ ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ފުޓްބޯޅަ މުބާރާތް ރާވައި ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކުން އެ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިމަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފޯމެޓް ސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށެވެ.
ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ފުރަތަމަ އެޑިޝަންގެ ތަށި ހިއްލާލާފައިވަނީ ފައިނަލުގައި ސްކައި ބަލިކޮށް ކުލަބް ކޮރަލްސްއިންނެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށްދީފައިވަނީ 50 ހާސް ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދިނީ 10 ހާސް ރުފިޔާ އެވެ.
މިއަހަރު ބާއްވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 60 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15 ހާސް ރުފިޔާގެ ފައިސާ އިނާމެކެވެ.
މިއީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށްދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ.
އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.