އޮންލައިންކޮށް ޓީޗިން ކޯސްތައް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކުލަވައިލި "އީ-ލާނިން ގައިޑްލައިން"އަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ހައިކޯޓުން ނެރެފިއެވެ.
އެ ކޯޓުން މިގޮތަށް އަމުރުކުރީ މިއީ ގާނޫނުއަސާސީން، ގަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ހައްގުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކޮލިފިކޭޝަން އޮތޯރިޓީން ހަދާފައިވާ ގައިޑްލައިނެއް ކަމަށާއި އެ ގައިޑްލައިން ބާތިލް ކޮށްދިނުމަށް އެދި އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ.
ދައުލަތަށް ރައްދުވާ ގޮތަށް ކުރި މި ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނެރުނު ވަގުތީ އަމުރުގައި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދިނުމަށް ހުރަސް ނޭޅުމަށާއި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި މަންދުގެ ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްދޭން ވެސް ވަނީ އެދިފަ އެވެ.
ވަގުތީ އަމުރެއް ނުނެރެފިނަމަ، ވާނެ ގެއްލުންތައް ވަނީ އެ ކުންފުނިން ފާހަގަކޮށްފައެވެ. އެ ގޮތުން، މަންދު ކޮލެޖުގެ 40 އިންސައްތައަކީ ޓީޗިން ދާއިރާގެ ކޯސްތައް ކަމަށާއި އީލާނިން މޮޑަލިޓީގައި އެ ދާއިރާއަށް ދަރިވަރުން އެންރޯލް ނުކުރެވިއްޖެނަމަ ކޮލެޖުގެ އެންރޯލްމަންޓް ދަށްވާނެ ކަމަށް ބުނެފައިވެއެވެ. އަދި ފީސިބިލިޓީ ގެއްލި، އަނެއް 60 އިންސައްތަ ކުދިންގެ ކިޔެވުން ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާއެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމަށް ދައުވާގައި ވެއެވެ. އަދި އެތައް ބައެއްގެ ވަޒީފާ ވެސް މިކަމުގެ ސަބަބުން ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ދައުވާގައިވެއެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ބައްލަވާ މި މައްސަލައިގައި އެދިފައިވާ ވަގުތީ އަމުރު މި ކަންކަމަށް ބަލައި ނެރުއްވީ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ.
ޑޮކްޓަރުކަމުގެ ކޯހާއި ޓީޗިން ކޯސްތައް ހިމެނޭހެން އަށް ކޯހެއް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްކިއުއޭއިން މިދިޔަ އަހަރުގެ އޯގަސްޓު މަހު ކަނޑައެޅިއެވެ.
އެގޮތުން އޮންލައިންކޮށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސްއާ ގުޅޭ ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި ގުރުއާނާ ގުޅުން ހުރި ދާއިރާތަކުގެ ކޯސް ހިމެނެއެވެ.