twitterviber whatsapp telegramfacebookyoutube instagram
5th October 2026

މުދައްރިސުންނަށް ފުރިހަމަ އެހީތެރިކަން ލިބޭނެ: ރައީސް

ނަބީލާ އިސްމާޢީލް
Oct 5, 2026

ޒުވާން ޖީލުތަކަށް މަގު ދައްކައި ދިނުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ މުދައްރިސުންގެ އިލްމީ ގާބިލުކަމާއި ނުގުޑާ އަޒުމާއި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށް ކުރާ މިންނެތް މަސައްކަތުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވެ ގައުމުގެ މުސްތަގުބަލަށްޓަކައި މުދައްރިސުން ވަމުންދާ ގުރުބާނީ އާއި ހިދުމަތަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެންމެންގެ ޒިންމާއަކީ ވެސް ޓީޗަރުންނަށް އެ މީހުންގެ މަސައްކަތް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ މާހައުލު ގާއިމުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ޓީޗަރުންގެ ދުޅަހެޔޮކަމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ. އަދި ޓީޗަރުންގެ މަސައްކަތުގެ ބުރަ މަދުކުރުމާއި އެ މީހުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމާއި އިންކްލޫސިވް އެޑިއުކޭޝަން ހަރުދަނާކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ޓީޗަރުންގެ ގާބިލުކަން އިތުރުކުރުން ފަދަ މަސައްކަތަކަށް އިސްކަންދީގެން މި ސަރުކާރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓީޗަރުންނަށް ސަޕޯޓުކުރުމުގެ ސަބަބުން ކުދިންނާއި ގައުމު ވެސް ކުރިއަރާނެ ކަމަށެވެ.

ރައީސް ވަނީ ޓީޗަރުންގެ އަގުވަޒަން ކުރައްވައި ތައުލީމީ ދާއިރާއަށް އިންވެސްޓްކޮށް، އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުމާ އެކު ޓީޗަރުންނަށް ކޮންމެ ކުއްޖެއްގެ ވެސް އެންމެ ފުރިހަމަ ގާބިލުކަން ނެރުމަށް އެހީތެރިވާ ބަޔަކަށް އެންމެން ވެސް ވުމަށް އެދިވަޑައިގެންފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293