ހާއްސަ ހާލަތްތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ހައި ކޯޓުގައި އެދެވޭނެ ކަމަށް ކަނޑައަޅައި ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ފާސްނުވުމުން އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ ބިލު އަނބުރާ ފޮނުވާލާފައިވަނީ ބިލު ދިރާސާ ކުރި މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީއަށެވެ. ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ހާމަ ކުރުމަށް ހައިކޯޓަށް މަޖުބޫރު ކުރެވޭނެ ކަމަށެވެ.
ކޮމިޓީން ފޮނުވި ރިޕޯޓް ފާސްކުރަން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ރިޕޯޓް ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް 31 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
މަޖިލީހުގެ ތަޅުމުން ރިޕޯޓް ފާސް ނުވުމުން އެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް 31 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ޝަރީއަތުގެ މަރުހަލާގައި ހާމަ ކުރެވޭނެ އެވެ. ގާނޫނުގައި ބުނާ ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުން ނުވަތަ ދައުލަތުގެ ފަރާތުން އެދެފި ނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަ ކުރަން ޖެހޭނެ ކަމަށެވެ.
މި ގާނޫނަށް އަމަލު ކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.