މިއަދު ކުރިއަށް ދިޔަ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބު ކުޅުދުއްފުށީ ކާށިދޫގެ އަލީ އާދަމް ކާމިޔާބުކޮށްފިއެވެ. ވެލާނާގެ ގްރައުންޑް ފްލޯގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށެވެ.
މީޑިއާ ކައުންސިލް އިންތިހާބުގައި ވާދަކުރީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުކަމަށް ވާދަކުރީ ހަބަރު އޮންލައިންގެ ފަރާތުން އަލީ އަދަމް އާއި ލުއި މީޑިއާގެ ފަރާތުން އަހްމަދު މުޖްތަބާއެވެ. އަދި އާންމުންގެ މެންބަރަކަށްވުމަށް ކުރިމަތިލާފައިވަނީ އާއިޝަތު ނާޒް، ޖައިލަމް ތައުފީގް، އަލީ އިސްމާއީ އަދި ޝާކިރު މުހައްމަދުއެވެ.
މީގެ ތެރެއިން މީޑިއާ ތަމްސީލް ކުރާ މެމްބަރަކަށް އަލީ އާދަމް އިންތިހާބުވީ 64 މީޑިއާގެ ތާއީދާއިއެކުގައެވެ. ދެން ވާދަކުރި މުޖުތަބާއަށްލިބުނީ 8 ވޯޓެވެ.
އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް މިއަދު އިންތިހާބު ކާމިޔާބުރެއްވީ 49 ވޯޓު ލިބިވަޑައިގެންނެވި ޖައިލަމް ތައުފީޤް، ބަސަރީ ހިޔާ، ފ ބިލެތްދޫ އާއި 43 ވޯޓު ލިބިވަޑައިގެންނެވި އަލީ އިސްމާއިލް، ރޯޝަނީގެ، ފ ދަރަނބޫދޫ އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލުމަށްޓަކައި 85 ފަރާތަކުން ރަޖީސްޓްރީ ކޮށް 72 ފަރާތަކުން ވޯޓުލާފައިވެއެވެ.
މިއަދު އިންތިހާބު ކާމިޔާބުކުރި ހަބަރު އޮޮންލައިންގެ ޗީފް އޮޕަރޭޓިން އޮފިސަރ، ސީއޯއޯ އަލީ އާދަމަކީ 2008 އިން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންއަންނަ ފަރާތެކެވެ. ރަސްމީކޮށް ނޫސްވެރިކަމަށް ނުކުތީ 2011 ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު ދިޓީވީންނެވެ. އޭގެފަހުން ކުޅުދުއްފުށީ އޮންލައިނަށްވެސް ޕާޓް ޓައިމްކޮށް ލިޔުނެވެ.
މީޑިއާ ކައުންސިލަށް 3 މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބަކީ މޯލްޑިވް މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލް ކުރައްވާ މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިއްބަވާ 2 މެންބަރުން އިންތިހާބުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިތިހާބު ކުރުމަށްޓަކައި ބޭއްވި އިންތިހާބެކެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.