ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދުނު ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރިޔަސް، ރާއްޖޭގެ މަސްވެރިކަމަށް އަސަރު ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިވެ، އދގެ ޤަރާރުތަކާ އެއްގޮތަށް ރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިޔުމަކީ ރާއްޖެއަށް ލިލިބުނު ތާރީހީ ކުރިއެރުމެއްކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމަށް އަސަރެއްކޮށްފާނެތޯ އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގައި ކުރާ މައިގަނޑު މަސްވެރިކަމަކީ ކަޅުބިލަ މަހުގެ މަސްވެރިކަންކަމަށެވެ. ކަޅުބިލަ މަހަކީ އޭގެ ޒާތުގައި ދުރު ރާސްތާއަށް ހިޖުރަކުރާ މަހެއްކަމަށެވެ.
"އެއީ ފާނަ ކަހަލަ ފަރުމަސް ކަހަލަ ގޮތަށް އެއް ތަނެއްގައި ހިފެހެއްޓިފައި ހުންނަ މަހެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކަނޑުގެ އެއްވެސް ސަރަހައްދަކުން މަސްކަނޑު ކޮންޓްރޯލްކުރުމަށް ދާ ޖަހައި މަސް ނަގައި ނަމަ ކަނޑު މަސްވެރިކަަމަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ވަކި މޮރިޝަސް ސަރަހައްދު ނުވަތަ ޗާގޯސް ހިމެނޭ ސަރަހައްދަށް ވާކަށް ނުޖެހޭނެއެވެ.
"ހަމަ ހައި ސީޒް ތެރޭ ނެގިއަސް އިންޑިއާ ކަނޑުގެ ކޮންމެ ތަނަކުން އާދަޔާ ޚިލާފަށް މަސް ނެގިއަސް އޭގެ ނޭދެވޭ އަސަރުކުރާނެ. އެކަމު އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ މިއަދު މޮރިޝަސްއިން ފާހަގަކުރި މިއަދު އިނގިރޭސިން އެ ސަރަހައްދުގައި ގާއިމްކޮށްފައި އޮތް ކޮންޒަވޭޝަން ޒޯން ހަމަ އެ ގޮތަށް ދަމަހައްޓާނެކަމަށް. އެހެންވީމާ އެ ގޮތަށް ދެެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރިކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދު ހިމާޔަތްކޮށްފައި އޮތުން މުހިންމީ އެ ތަނުގައި އާލާވާ މަސް ރާއްޖޭގެ ސަރަހައްދަށް ހިޖުރަކުރާތީކަމަަށެވެ.
"އެހެންވީމާ އެއީ ރާއްޖެއަށް ރަނގަޅު ކަމަކަށްވާނެ. އެ ކަމަކު މި ހުކުމުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާނެކަމަކަށް ނުބެލެވޭ. ސަބަބަކީ އެ ތަން ކޮންޒަވޭޝަން ޒޯނެއްގެ ގޮތުގައި ބަލަހައްޓާނެތީ. އަދި އެ ތަނުގައި މިހާތަނަށް، މި ދެންނެވީ ޗާގޯސް ސަރަހައްދުގައި ނެތް ދާ ޖަހައިގެން މަސްވެރިކަން ކުރާކަށް އެއްވެސް ބަޔަކު ލައިސަންސް ދީފައެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ ފަދައިން އަމަލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެވެެން ނެތްކަމަށާއި އެއީ ރާއްޖޭގެ ބާރު އެ ސަރަހައްދަށް ނެތުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ އެ ގޮތުން މި ދެންނެވި ސިޔާދަތީ ބާރު ލިބިގެންވާ ގައުމަކަށް އެ މީހުންގެ އިގްތިސާދީ ސަރަހައްދެއްގައި ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ހުއްދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަަޅުގަނޑުމެންނަކަށް ނުދެވޭނެ. އެއީ އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސް އައިލެންޑްސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށައަޅާފައިވާ މައްސަލައިގައި ރާއްޖޭގެ އީޒެޓް ސަރައްހަދުން ބޮޑު ބައެއް ވަނީ ރާއްޖެއަށް ގެއްލިފަ އެވެ.
އިޓްލޮސްއިން އެމައްސަލައިގައި ހުކުމް އިއްވާފައިވަނީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އިޓްލޮސްއިން އިއްވި މިހުކުމާއެކު ރާއްޖޭގެ މަސްވެރިންނަށް މަސްވެރިކަން ކުރާ ކަނޑުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭނެ އެވެ.
މިމައްސަލައިގައި ރާއްޖެއިން 200 ނޯޓިކަލް މޭލު ހޯދުމަށް އިކުއިޓިބަލް ނުވަތަ އަދުލުވެރި އުސޫލުން ކަނޑުގެ ސަރަހައްދު އިންކުރުމަށް ވަކާލާތުކޮށްފައިނުވާއިރު އޭގެ ބަދަލުގައި ރާއްޖެއިން ވެސް އެއްބަސްވީ މޮރިޝަސްއިން އެދުނު ފަދައިން ފުށުއަރާ ސަރަހައްދު ހަމަހަމައަށް ދެގައުމަށް ބަހާލުމަށެވެ.
އެހެންނަމަވެސް ރާއްޖެއާއި މޮރިޝަސްއާ މެދު ތަފާތު ވިސްނުމެއް އޮތީ ދެގައުމަށް ހަމަހަމައަށް ބަހާލުމުގައި ޗާގޮސް ކަނޑުގެ ސަރަހައްދު ފެށޭ ނުކުތާކަމަށް ބަލާނެ ބަޔަކާ މެދުގަ އެވެ. ރާއްޖެއިން ބުނީ މޮރިޝަސްއިން ބޭނުންވާ ގޮތަށް ބްލެންހައި ފަރު ކަނޑަނާޅާ އޭގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސޮލޮމަން އައިލެންޑްސް، ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން އެސަރަހައްދު މިންކުރުމަށެވެ.
ރާއްޖޭގެ އެނުކުތާ ކާމިޔާބުވީއިރު އޭރުން ރާއްޖެއާއި ޗާގޮސްގެ މެދުގައި ފުށުއަރާ ސަރަހައްދު ބައިކުރާނީ ރާއްޖެއިން އެދުނު ގޮތަށް ޕެރޯސް ބަންހޯސްއާއި ސޮލޮމަން އައިލެންޑްސް ދެއަތޮޅުގައި ފާހަގަކުރާ ނުކުތާތަކުން ޗާގޮސްގެ ކަނޑުގެ ސަރަހައްދު މިންކޮށްގެންނެވެ.