twitterviber whatsapp telegramfacebookyoutube instagram
9th May 2024

މުސާރައިގެ ކުރިއެރުން ދިވެހި 3710 މުވައްޒަފަކަށް

ނަބީލާ އިސްމާޢީލް
Apr 30, 2023

ސިއްހީ ދާއިރާގެ މުސާރަ ބޮޑުވިއިރު މުސާރައިގެ އާ އޮނިގަނޑަށް ޖުމްލަ 3710 މުވައްޒަފުން ހިމެނިފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ޕޭ ކޮމިޝަނާއި ފިނޭންސް، ހެލްތު އަދި ޖެންޑާ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން 3,710 މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލަށް މަހެއްގެ މައްޗަށް 23.6 މިލިއަން ހޭދަވާނެ ކަމަށެވެ. އެހެންކަމުން އަހަރުގެ ބާކީ މިއޮތް އަށް މަސް ދުވަހުގެ ތެރޭ އެކަމަށް 188.9 މިލިއަން ހޭދަވާނެ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ.

ސިއްހީ ދާއިރާގެ މުސާރަ ބޮޑުވިއިރު މުސާރައިގެ އާ އޮނިގަނޑަށް ޖުމްލަ 3710 މުވައްޒަފުން ހިޖުރަ ކުރި އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ 1004 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ 298 މުވައްޒަފެކެވެ.

އޭގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 452 މުވައްޒަފަކު ވެސް މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަ ކުރެ އެވެ. އޭގެ ތެރޭގައި ޖަލުތަކާއި ސްކޫލްތަކާއި ކުޑަކުދިންނާއި ބޮޑެތިމީހުން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި މަސައްކަތް ކުރާ ކައުންސިލަރުން، ސައިކޮލަޖިސްޓުން، ސައިކްރޭޓިސްޓުން، ސްޕީޗު ތެރަޕިސްޓުން ފަދަ އެލައިޑު ހެލްތު ޕްރޮފެޝަނަލްސް ހިމެނެ އެވެ.

ފައިޒަލް ވިދާޅުވީ މުސާރަ ބޮޑުކޮށްފައިވަނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ކުރިއެރުން ގެނެސްފައިވަނީ މައިގަނޑު 5 ކަމަކަށް ބެއްލެވުމަށްފަހުގައިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި އެލައިޑް ހެލްތުގެ ފަންނުތަކުގެ މުސާރަތަކަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ގެނައުމާއި ހުރިހާ ފަންނުތަކުގެ މުވައްޒަފުންވެސް އެންމެ ދަށްވެގެން "ފުރަތަމަ ޑިގްރީ" ހާސިލްކުރުމަށް ބާރު އެޅުމާއި މީގެ އިތުރަށް ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުން ހިމެނެއެވެ.

މީގެއިތުރުން ކެންސަރުގެ ފަރުވާ ދިނުމުގެ ފަންނުގެ ތެރޭގައި ހިމެނޭ ދާއިރާތަކަށް ސްޕެޝަލައިޒްވެފައިވާ ފަންނުވެރިން ކުރިމަތިލުމަށް ހިތްވަރު ދިނުމާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކަށް ސިއްހީ ދާއިރާގެ ބައެއް ފަންނުވެރިން ހޯދުމަށް ދަތިވާކަމަށް މައްސަލައަށް ހައްލުތަކެއް ހޯދުމަށްވެސް މުސާރަތައް ބޮޑުކުރިއިރު ވިސްނަވާފައިވާކަމަށް ފައިޒަލް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ނަރުހުންގެ މުސާރައަށް ބަލާލާއިރު ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު ކުރިން ލިބެނީ މަހަކު އެވްރެޖްކޮށް 20459 ރުފިޔާއެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29271 ރުފިޔާ ލިބޭނެއެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41976 ރުފިޔާއަށް މަތިކޮށްފައެވެ.

މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28727 ރުފިޔާއެވެ. ގެނެވުނު ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސައި ނުލައި އެވްރެޖްކޮށް މަހަކު 41541 ރުފިޔާ އެމީހުންނަށް ލިބޭނެއެވެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98137 ރުފިޔާ ކަނޑައަޅާފައެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މަސައްކަތްތެރިންގެ މުސާރަތަކަށް ގެނައި ބަދަލުތައް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355