ސިއްހީ ދާއިރާގެ މުވައްޒަފުން އިތުރު ތަނެއްގައި މަސައްކަތް ނުކޮށް ހަމައެކަނި ވަޒީފާ އަދާކުރަމުން އަންނަ ހޮސްޕިޓަލަށް އެކަނި ހިދުމަތްކުރާ ނަމަ ހާއްސަ އެލަވަންސެެއް ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވީ، "އެކްސްކްލޫސިވް ސާވިސް ބެނެފިޓް"ގެ ނަމުގައި ދޭ މި އެލަވަންސް ލިބޭނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން ރޭންކު 10 އިން ފެށިގެން، ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް ކަމަށެވެ.
"މި އިނާޔަތް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުން ކޭސް ބައި ކޭސް ވަކިވަކިން،" ފައިޒަލް ވިދާޅުވިއެވެ.
އެ އެލަވަންސް ލިބޭނީ، ވަޒީފާއަދާކުރާ ހޮސްޕިޓަލުން ކަނޑައަޅާ އިތުރު ޒިންމާތައް އުފުލުމަށް އެއްބަސްވެ، އެ މުވައްޒަފާއި ވަޒީފާއަދާކުރާ ހޮސްޕިޓަލާއެކު އެގްރިމަންޓެއްގައި ސޮއިކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10ގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ސްޕެޝަލިސްޓެއްގެ މަހު މުސާރަ މިހާރު ވަނީ 55،675 ރުފިޔާއިން، އިތުރު ގަޑީގެ އެލަވަންސާ ނުލައި 66,702 ރުފިޔާ ލިބޭ ގޮތަށް ބަދަލުކޮށްފައެވެ.
ސަބް ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރޭގައި ހިމެނޭ އެންމެ ދަށް ރޭންކުގެ މުވައްޒަފުންގެ އަސާސީ މުސާރަ ވަނީ 18 ޕަސެންޓު އިތުރުކޮށް، 68,574 ރުފިޔާއަށް ބަދަލުކޮށްފައެވެ. އަދި އެ ކެޓަގަރީގެ އެންމެ މަތީ ރޭންކުގެ މުވައްޒަފެއް މިހާރު ރާއްޖޭގައި ނެތް ނަމަވެސް، އެ މަގާމަށް ވަނީ 98,137 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައެވެ.
މީގެ އިތުރުން ސްޕެޝަލިސްޓް ޑެންޓިސްޓުންގެ 10 ވަނަ ރޭންކުގައި ހިމެނޭ ސީނިއާ ކޮންސަލްޓެންޓް ސްޕެޝަލިސްޓުންގެ މުސާރައަށް 16 ޕަސެންޓު އިތުރުވުމެއް ގެނެސް، އިތުރު ގަޑީގެ އެލަވަންސާ ނުލައި 66,702 ރުފިޔާ ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ މަގާމުގައި ތިއްބެވީ އައިޖީއެމްއެޗުގެ 14 ޑޮކްޓަރުންނެވެ.
މާލެއާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސްޕެޝަލިސްޓު ޑޮކްޓަރުން އެތަނުގެ ޑިއުޓީ ގަޑީގައި ބަލާ ބަލިމީހުންގެ އަދަދު ދަށް ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން އޮވެ އެވެ. އަދި, ހޮސްޕިޓަލް ޑިއުޓީއަށް ފަހު އަމިއްލަ ކްލިނިކުތަކާއި މެޑިކަލް ސެންޓަރުތަކުގައި އަގުބޮޑުކޮށް އެ ޑޮކްޓަރުން ބަލާތީ އާންމުންގެ ފާޑުކިޔުމާއި ޝަކުވާވެސް އަމާޒުވެ އެވެ.