ހދ ނޮޅިވަރަމް އޭއާރޔޫ ޓިއުޝަން ސެންޓަރުން ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކޮށްގެން ފައިސާގެ އިނާމެއް ހޯދުމުގެ ޕްރޮގުރާމެއް ކުރިއަންގެންދަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އޭއާރޔޫ ޓިޔުޝަން ސެންޓަރުގެ އިސްވެރިޔާ މަރިޔަމް ރަޝީދާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގުރާމަކީ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް ނޮޅިވަރަމްގެ ކުއްޖެއްނަމަ ބައިވެރިވުމުގެ ފުރުސަތު އޮތް ޕްރޮގުރާމެއް ކަމަށެވެ.
5 އަހަރާއި 25 އަހަރާއި ދެމެދުގެ ނޮޅިވަރަމްގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭ މި ޕްރޮގުރާމުގައި މި މަހު 31 ގެ 18:00 ޖެހުމުގެ ކުރިން 9151801 އަށް ގުޅާލައިގެން ނަން ނޯޓް ކުރުމަށް އެ ސެންޓަރުން ވަނީ މިހާރު ހުޅުވާލާފަ އެވެ.
މަރިޔަމް ރަޝީދާ ވިދާޅުވީ މި ޕްރޮގުރާމުގައި ބައިވެރިވާ ހުރިހާކުދިންވެސް ދަސްވާވަރަކުން އެ ޤުރުއާން ކުލާހުގެ ޓީޗަރުންނަށް ކިޔާދެމުން ގެންދެވޭނެ ކަމަށެވެ. އޭގެ ފަހުން ޤުރުއާން އެެއްކޮށް ދަސްވީމައި ޤުރުއާނާ ބެހޭ މަރުކަޒުން ރަސްމީކޮށް ސަނަދު ހާސިލްކޮށްގެން 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ.
މި ފައިސާގެ އިނާމަކީ ވަކި އެންމެ ފުރަތަމަ ހިތުދަސްކުރާ ކުއްޖަކަށް ލިބޭ އިނާމެއް ނޫންކަމަށާއި ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތުގައި ނަންނޯޓް ކޮށްފައިވާ ކުއްޖެއް ނަމަ ކޮންމެ ދުވަހަކުން ދަސްކުރި ނަމަވެސް މި އިނާމު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުއްޖާއަށް ޤުރުއާން އެއްކޮށް ދަސްވީމަ އަޅުގަނޑުމެން ވެސް ޤުރުއާނާ ބެހޭ މަރުކަޒުން އެ ކުއްޖާއަށް ރަސްމީކޮށް އެ ސަނަދު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދޭނަން" މަރިޔަމް ރަޝީދާ ވިދާޅުވި އެވެ.
ނޮޅިވަރަމްގައި ހިފްޒު ކޮށްފައި ތިބި ހާފިޒުންތަކެއް އުފެއްދުމުގެ މަގުސަދުގައި އޭއާރޔޫ ޓިޔުޝަން ސެންޓަރުން ފެށި މި ޕްރޮގުރާމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބޭކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަކަށްވެސް މަރިޔަމް ރަޝީދާ ވަނީ އިހުލާސްތެރި ޝުކުރު އަދާކޮށްފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މި ޕްރޮގުރާމުގައި ސަނަދު ހާސިލްކުރާ ކުދިންނަށް ފައިސާގެ އިނާމު ދެނީ ހޮޔޮއެދޭ ފަރާތަކުން ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އަދި މަގުސަދަކީ ވެސް ބޭނުންވާ ކަމަކީވެސް ނޮޅިވަރަމްގައި ރަމަޟާން މަހު ތަރާވީހު ނަމާދުވެސް މި ރަށު ކުއްޖަކު ކުރުން، އެ ގޮތައް ބޭނުންވެފަ ތިބި ކުދިންނަން ހިތްވަރު ދިނުމުގެ ގޮތުން ފެށި ޕްރޮގުރާމެއް މިއީ." އޭނާ ވިދާޅުވި އެވެ.
ނޮޅިވަރަމުގައި ހުންނަ ހަމަ އެކަނި ޤުރުއާން ކުލާހަކީ އޭއާރޔޫ ޓިޔުޝަން ސެންޓަރެވެ. އެއީ 200 އަށްވުރެއް ގިނަ ދަރިވަރުން މިހާރުވެސް ތައުލީމު ހޯދާ ޤުރުއާން އަދި ޓިއުޝަން ވެސް ފޯރުކޮށްދޭ ކުލާހެކެވެ. މި ކުލާހުން މީގެ ކުރިންވެސް ވަނީ މި ފަދަ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފަ އެވެ. އެއީ ދަސްކޮށްފައި ކިޔަވާދޭ ކޮންމެ ފޮތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ޕްރޮގުރާމެކެވެ. ނަމަވެސް އެ ފަހަރު ކުދިންގެ މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
މީގެ 8 އަހަރު ކުރިން ޤުރުއާން ކިޔަވާދޭން ފަށާފައިވާ މި ސެންޓަރުގައި 2015 ވަނަ އަހަރުންފެށިގެން މެދު ކެނޑުމެއްނެތި ޤުރުއާން ކިޔަވާދެ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ޓީއުޝަންވެސް ދެއެވެ.