ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކައަކީ އަލަށް ދެކެވޭ ވާހަކައެއް ނޫނެވެ. ތަރައްގީވަމުން އަންނަ މިޒަމާނުގެ މުޖުތަމައުތަކުގައި ބާރު ދުވެއްޔެއްގައި ބޮޑުވަމުން އަންނަ މައްސަލައެކެވެ.
ހާއްސަކޮށް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމާމެދު ވިސްނާލުން މުހިންމެވެ. ޕެންޑެމިކްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ކަންކަމާއި މައްސަލަތަކަށް ގިނަބައެއްގެ ސަމާލުކަން އިތުރުވި އެވެ.
އާންމު ދިރިއުޅުމަށް އަންނަ ކުއްލި އަދި ބޮޑެތި ބަދަލުތަކެވެ. އެކަހެރިވާން ޖެހުމާއި ބަލިވެދާނެ ކަމުގެ ބިރާއި މާލީ ހާލަތަށް ކުރިމަތިވެދާނެ ގޮންޖެހުންތައް އަދި އެތައް ކަމެއް މިކަމުގެ ތެރޭގައި ހިމެނޭއިރު މިކަންކަމުން މިވަނީ އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކޮށް ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގެ މުހިންމުކަމަށް ވިސްނާލަން ޖެހިފަ އެވެ.
ޕެންޑެމިކުގެ ކުރިން ވެސް ނަފްސާނީ ދުޅަހެޔޮކަމަކީ ބޮޑުވަމުން އަންނަ މައްސަލައެކެވެ. ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ކޮންމެ ހަތަރު މީހަކުން އެކަކަކީ އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ނަފްސާނީ މައްސަލަތަކާ ކުރިމަތިވާ ބައެކެވެ.
އެގޮތުން ނަފްސާނީ ބަލިތަކުގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީ އަދި ޕޯސްޓް ޓްރެމެޓިކް ޑިސްއެބިލިޓީ ޑިސްއޯޑާސް އަކީ މައިގަނޑު މައްސަލަތަކެވެ. އަދި މިކަމުން އަސަރު ކުރަނީ އެންމެ މީހަކަށް ނޫނެވެ. އެމީހާގެ އާއިލާއަށާއި އެމީހާ ދިރިއުޅޭ މުޖުތަމައުއަށް ވެސް އޭގެ އަސަރު ކުރެ އެވެ.
ޕޯސްޓް ޓްރެމެޓިކް ޑިސްއެބިލިޓީ ޑިސްއޯޑާސް އަކީ ބިރުވެރި ނުވަތަ ހިތާމަވެރި ހާދިސާއެއް ތަޖުރިބާކުރުމުގެ ސަބަބުން އެމީހާގެ ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކެވެ. ޖިސްމާނީ ދުޅަހެޔޮކަމާއި އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަން ވެސް މުހިންމުވީ ނަމަވެސް އަދިވެސް ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހައްމިއްޔަތުކަން ކުޑަ އެވެ. އަދި އެކަމަށް ބެލޭވަރުވެސް ކުޑަ އެވެ.
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން މިއަށްވުރެ ތެދުވެރިކަމާއެކު ފުޅާ ދާއިރާއެއްގައި މިވާހަކަ ދެއްކުމަކީ މުހިންމު ކަމެކެވެ. މިކަން ކުޑަކުރުމަށް މަސައްކަތްކޮށް މީހުންނަށް އެހީ ބޭނުން ޖެހުމުން އެހީއަށް އެދެން ބާރުއަޅަން ޖެހެ އެވެ.
ރިސާޗްތަކުން ދައްކާ ގޮތުގައި އަވަހަށް ނަފްސާނީ މައްސަލަތަށް ދެނެގަނެވިއްޖެނަމަ އެކަމުން މިންޖުވުމަށް އޮންނަ ފުރުސަތު އިތުރަށް ފަހިވެ އެވެ. އެހެންކަންހުރުމާއެކު ވެސް ގިނަ މީހުން އަދިވެސް ފަރުވާއާއި އެހީއަށް އެދުމަށް ފަސްޖެހެ އެވެ. އެއީ މީހުން ދެކޭނެ ގޮތާމެދު ބިރުގަތުމުގެ ސަބަބުން ގިނަ ފަހަރު ދިމާވާ ކަމަކަށްވާއިރު ވަސީލަތްތަކާ ހަމައަށް ފޯރުމަށް ހުރި ގޮންޖެހުމުގެ ސަބަބުން ވެސް އެގޮތަށް ދިމާވެ އެވެ.
މިކަމުން އަރައިގަނެ މިކަން މަދުކުރުމަށް ސަރުކާރާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް އަދި މުޖްތަމައުތައް ގުޅިގެން އަތްފޯރާ ފަށުގައި އަދި ފަސޭހައިން ލިބޭނެ ގޮތަކަށް ނަފްސާނީ ފަރުވާތައް ބައްޓަންކުރަން މަސައްކަތްކުރަން ޖެހެ އެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާމެދު ގިނަ މީހުންނަށް ބުނެދީ ހޭލުންތެރިކުރުވުމުގެ އިތުރުން މީހުން ޖަޖް ކުރުމުގެ ބިރެއް ނެތި ފަރުވާއަށް އެދެވޭނެފަދަ މާހައުލެއް ވެސް ގާއިމުކުރަން ޖެހެ އެވެ.
ޖިސްމާނީ ދުޅަހެޔޮކަމަށް ދޭ އަހައްމިއްޔަތުކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފަރުވާދޭން އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެންމެންގެ ވެސް އަމާޒަކަށް ހަދަން ޖެހެނީ އެކީ މަސައްކަތްކޮށްގެން ނަފްސާނީ މައްސަލަތަކަށް ފަރުވާދެވޭ އަދި އެކަން ފާހަގަކުރާ ކަހަލަ ދުނިޔެއެއް/މުޖްތަމައުތަކެއް އުފެއްދުމުގެ މަސައްކަތެވެ.