twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ ހަތަރު ދަރިވަރަކު ޑީންސް އެވޯޑް ހާސިލުކޮށްފި

އަބްދުލް ވާހިދު ޙަސަން
May 11, 2023

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ސަނަދާއި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. އަންގާރަ ދުވަހު ރޭ އެ ކެމްޕަހުގެ އޮޑިޓޯރިއަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދަރިވަރުންނަށް އެވޯޑާއި ސަނަދު ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

ކޯސްތައް ނިންމާ ދަސްވެނިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާތައް އާއްމު ގޮތެއްގައި ބާއްވަމުން އަންނަނީ މާލޭގަ އެވެ. ނަމަވެސް، މީގެ ކުރިން 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެ ކެމްޕަހުގައި ޑިގްރީ ހާސިލުކުރި ދަރިވަރުންނަށް ދަސްވެނިވުމެއް ބާއްވާފައިވެ އެވެ.

އާއްމު ގޮތެއްގައި ޔުނިވާސިޓީގެ ކޯސްތައް ނިންމާ ދަރިވަރުންގެ އަދަދު ގިނަވުމުގެ ސަބަބުން، ސެޓްފިކެޓް ލެވެލްއާ ޑިޕްލޮމާ ލެވެލްގެ ކޯސްތަކުގެ ދަރިވަރުންނަށް ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވާނެ ފުރުސަތު އޮންނަނީ ނުލިބިފަ އެވެ. އެހެންވުމުގެ ސަބަބުން، ރަސްމިއްޔާތެއްގައި ހަނދާނަށްޓާވެސް ފޮޓޯއެއް ނެގޭނެ ފުރުސަތުވެސް އެފަދަ ދަރިވަރުންނަކަށް ނުލިބެ އެވެ.

އެގޮތަށް އޮންނަ އޮތުމަށް ނިމުން ގެނެސް ރަސްމީ ސިފައެއްގައި ސަނަދު ހަވާލުކުރުމުގެ ގޮތުން މިފަދަ ރަސްމިއްޔާތެއް ބޭއްވުމަށް މިއަހަރު ކުރީކޮޅު، ކެމްޕަސް މެނޭޖްމަންޓްގެ ފަރާތުން ވަނީ ނިންމާ އަދި މިއީ އެގޮތުން ބޭއްވޭ ފުރަތަމަ ރަސްމިއްޔާތެވެ.

މި ސެމިސްޓާގައި ކުޅުދުއްފުށި ކެމްޕަހުންވަނީ ވަރަށް ގިނަ ދަރިވަރުންތަކެއް ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ނިންމި ނަމަވެސް މި ދަރިވަރުންގެ ތެރެއިން މި ރަސްމިއްޔާތުގައި ސަނަދާއި ހަވާލު ވަނީ 9 ދަރިވަރުންނެވެ.

މި ރަސްމިއްޔާތުގައި ޑީންސް އެވޯޑް ޖުމްލަ 4 ދަރިވަރަކަށް ލިބިގެންދިޔަ އެވެ. ޑީންސް އެވޯޑު ދެނީ ކޮންމެ ޓާމެއްގައި އެ ޓާމެއްގައި ކިޔަވާ މާއްދާތަކުން ފާސްވުމާއެކު ކިޔުމުލޭޓިވް ގްރޭޑް ޕޮއިންޓް އެވަރެޖުން 3.0 ނުވަތަ އެއަށްވުރެ މަތިން ހާސިލްކުރާ ދަރިވަރުންނަށެވެ. ޑީންސް އެވޯޑަކީ ޔުނިވާސިޓީގައި ވަރަށް ފަހުން ތައާރަފުކުރި އެވޯޑަކަށްވާތީ، މި އެވޯޑް އަދި ދެމުން އަންނަނީ ސްކޫލް އޮފް ނަރސިންގއާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގަ އެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން، މިފަހަރު ޑީންސް އެވޯޑް ލިބުނީ، ބެޗްލަރ އޮފް ނާސިންގ ކޯހުގެ 3 ދަރިވަރަކަށާއި އެޑްވާންސްޑް ޑިޕްލޮމާ އިން ނާސިންގ ކޯހުގެ ދަރިވަރަކަށެވެ.

ޑީންސް އެވޯޑް ހޯދި ދަރިވަރުން:

* ބެޗްލަރ އޮފް ނާސިންގ

- ފާތިމަތު އަޒްމާ އަލީ
- ނައުފާ ހުސެއިން
- މުހައްމަދު އާދަމް

* އެޑްވާންސްޑް ޑިޕޮލޮމާ އިން ނާސިންގ:

- އާއިޝަތު މިދުހަތު

މީގެ އިތުރުން މި ރަސްމިއްޔާތުގައި އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ ކިޔަވަމުންގެންދާ 2 ބެޗެއްގެ ޖުމްލަ 50 ދަރިވަރުން އިގުރާރުވި އެވެ. އެ ދަރިވަރުންނަށް އިގުރާރު ލައިދެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑރ. މުހައްމަދު ފައިސަލެވެ.

ކުޅުދުއްފުށީ ކެމްޕަހުން އެކި ކޯސްތައް ނިންމުމަށްފަހު 2023 މޭ ގައި 75 ދަރިވަރުން ދަސްވެނިވާއިރު އެ ދަރިވަރުންގެ ތެރެއިން 36 ދަރިވަރުންނަކީ ބެޗެލަސް އަދި މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯސްތަކުން ދަސްވެނިވި ކުދިންނެވެ. މިރަސްމިއްޔާތުގައި އެ ކެމްޕަހުގެ މެނޭޖަރު، އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރާއި ލެކްޗަރާއިންނާއި ތައުލީމީ ދާއިރާގެ ވެރިން ބައިވެރިވެޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355