twitterviber whatsapp telegramfacebookyoutube instagram
5th May 2024

ސްކޭޓް މޯލްޑިވްސްގެ ޑިވަލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި

ނަބީލާ އިސްމާޢީލް
May 14, 2023

ސްކޭޓް މޯލްޑިވްސްގެ 2023 އަދި 2024ވަނަ އަހަރުގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގާއެކު ސޮއިކޮށްފިއެވެ.

ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރެޖިސްޓަރކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ޤައުމީ މުއައްސަސާއެވެ.

މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ސްކޭޓް މޯލްޑިވްސްއަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެ އެސޯސިއޭޝަނުން މިހާރު ދަނީ ދެ ވަނަ އިންޓަނޭޝަނަލް ރޯލާރ ސްކޭޓިންގ ޗެމްޕިއަންޝިޕް ބާއްވަމުންނެވެ. އަންނަ އަހަރުގެ މެއި މަހުގެ 11 އިން 13 އަށް މާލެއުސްފަސްގަނޑު އަދި ހުޅުމާލެ މުބާރާތް ސަރަހައްދުގައި ކުރިއަށްދާ މި ކުލަގަދަ އިވެންޓުގައި ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ސްކޭޓަރުންވެސް ބައިވެރިވާނެއެވެ.

"ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށްވެ ރޯލާރ ސްކޭޓިންގ ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އެސޯސިއޭޝަންއާއި ގުޅިގެން މި ކުޅިވަރު ކުރިއަރުވައި އައު ޖީލެއްގެ ޤައުމީ ފެންވަރުގެ އެތުލީޓުން ތަޢާރަފް ކުރުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވީ މުޖުތަމައުގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން އަބަދުވެސް ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"މި ޕާޓްނަރޝިޕް މެދުވެރިކޮށް އެ ކުންފުންޏާއި ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް،"

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355