twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިވެހިން ނިވަލުގައި ތިބެ ބިދޭސީން ކުރާ ވިޔަފާރިތަކަށް ހަރުކަށި ފިޔަވަޅުތަކެއް

- ވިޔަފާރި މަސްއޫލުވެރިޔާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާތިލް ކުރާނެ.
- ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ.

ނަބީލާ އިސްމާޢީލް
May 23, 2023

ދިވެއްސެއްގެ ނަމުގައި ރެޖިސްޓްރީކޮށް ބިދޭސީއަކަށް އޭގެ މަންފާ ސީދާ ގޮތުން ނުވަތަ ނުސީދާކޮށް ލިބޭގޮތަން ހިންގާ ވިޔާފާރިތަކާމެދު ހަރުކަށި ފިޔަޅުތައް އެޅޭގޮތަށް "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދު" އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ގެޒެޓްކޮށްފައިވާ މި ގަވައިދުގައި ބުނީ "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވައިދު"ގެ ނަމުގައި އެކުލަވާލި ގަވައިދުގެ އެއް މަގުސަދަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ބާތިލުކުރުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ އިތުރުން އެފަދަ ވިޔަފާރި ރަޖިސްޓަރީކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުރިހާ ހިދުމަތްތަކެއް ދިނުމަށް މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ރަޖިސްޓަރީކޮށް ހިންގުމުގައި، އަދި ގަވާއިދަށް އަމަލުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ.

މި ގަވާއިދުގައި އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އަމިއްލައަށް ހިންގާ ފިޔަވާރިތަކަކީ ދިވެހިންގެ ކޮންޓްރޯލްގައި ހިންގާ ވިޔަފާރިތަކެއްކަން ކަށަވަރުކުރުމެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ، އަމިއްލަ ވިޔަފާރީގެ މުއާމަލާތްތަކާއި ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް ކަނޑައަޅައި، ފިޔަވަޅު އެޅުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން ބިދޭސީ ފަރާތާމެދު ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތަށް ރިޕޯޓް ކުރާނެ ކަމަށް ބުނެފައިވާއިރު، ވިިޔަފާރީގެ މަސްއޫލުވެރި ފަރާތް، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓަރީ ނުކުރެވޭނެ ފަރާތެއް ކަމުގައި ކަނޑައަޅާނެ ކަމަށް ބުނެފައިވާއިރު، ވިޔަފާރީ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިފަދަ ކަމަކާއި ގުޅިގެން އެއްވެސް ވިޔަފާރިއެއްގެ ރެޖިސްޓްރީ ބާތިލުކޮށްފިނަމަ، އޭގެ ސަބަބު އާއްމުކޮށް އަންގާ އިއުލާންކުރާނެކަމަށްވެސް ގަވާއިދުގައިވެއެވެ.

އަދި ބިދޭސީއަކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ނުވަތަ، ގެންދިއުމުގައި މިފަދަ މައްސަލައަކަށް ޝައްކު އުފެދޭނަމަ، އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެންގުމަކީ ބޭންކުތަކާއި، މިފަދަ ހިދުމަތުގައި ޝާމިލުވާ ފަރާތްތަކުން ޒިންމާވާންޖެހޭ ކަމެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގައިވާގޮތުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަން ބަލައި ފާސްކުރުމަށް އިންސްޕެކްޓްކޮށް އެ ވިޔަފާރިއެއް ރެޖިސްޓަރކޮށްފައި ނުވުމާއި، އެހެން ނަގަން ޖެހޭ ހުއްދައެއް ނަގައިފައި ނުވުމާއި، ވިޔަފާރިކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓައިފައި ހުރެއްޖެނަމަ އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން

ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރއަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ގަވާއިދުގައި ހިމެނޭ އިތުރު ކަންކަމުގެ ތެރޭގައި ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ އޮންލައިންކޮށްކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ދަތިވާ މީހެއްނަމަ އެ މީހެއްގެ ފޯމު ފުރިހަމަކުރަންވާނ،ީ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށްކަމަށްވެސް ގަވާއިދުގައިވެއެވެ.

އަދި އެފަދަ ހިދުމަތެއް ފޯރުކޯށްދޭނެމަ އާންމުކޮށް އިއުލާންކުރުމަށްފަހު، 100 ރުފިޔާއަށް ވުރެ ބޮޑު ނޫން ފީއެއް ނެގޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ވިޔަފާރިއަށް ކިޔަން ބޭނުންވާ ނަމެއް، 14 ދުވަހުގެ މުއްދަތައް ރިޒާވްކޮށްފައިވާ ބެހެއްޓުމުގެ ފުރުސަތުވެސް މިނިސްޓްރީއަށް މި ގަވާއިދުގެ ދަށުން ލިބިދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355