twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަސާސީ ހިދުމަތް ދިނުމުގައި ވަކި ފިކުރަކަށް ނުބަލާނަން: ރައީސް

ނަބީލާ އިސްމާޢީލް
May 28, 2023

ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި ރަށަކަށް، ވަކި ފިކުރަކަށް ނުބަލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ފ މަގޫދޫ ފެނާއި ނަރުދަމާ މަޝްރޫއު އިފްތިތާހް ކޮށްދެއްވުމާއި، އަލަށް އިމާރާތް ކުރެވުނު ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިޔާތުގައި ރައީސް ވިދާޅުވީ ކުޑަ ރަށެއް، ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެންނަ ވާހަކަ މި ދައްކަނީ، އެ ރަށް ރަށުގައިވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީއާއި އެ މީހަކު އުޅޭ ތަނެއްގެ ސަބަބުން، އެ މީހެއްގެ ވިސްނުން ހުރި ގޮތެއްގެ ސަބަބުން އެ މީހަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކުން މަހުރޫމްވެގެނެއް ނުވާނެ ކަމަށެވެ.

އަދި އެއީ، ވެރިކަމެއްގައި ތިބޭ ބަޔަކު ރައްޔިތުންނާ ދޭތެރޭގައި ކަން ކުރަންޖެހޭނެ ގޮތެއް ނޫން ކަމަށާއި މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރީ މި މިސްރާބަށް ކަމަށެވެ. އެއްވެސް ރައްޔިތަކު ބާކީނުކޮށް, އެއްވެސް ރަށެއްގައި ދިރިއުޅޭ ރައްޔިތަކު ބާކީނުކޮށް، ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މަގޫދޫއަކީ ފެނާއި ނަރުދަމާއެއް ނެތް އަދި ކަރަންޓުގެ ހިދުމަތް އަމިއްލަ ފަރުދެއްގެ އެހީއާ އެކީގައި، ރައްޔިތުންގެ އެހީއާ އެކީގައި، ދަތި އުނދަގުލުގައި ފޯރުކޮށްދެމުން ދިޔަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށެއް ތަރައްގީވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، އެ ރަށެއްގައި ހަމަޖެހިގެން ބަޔަކަށް ދިރިއުޅެވޭނެގޮތްވުން ކަމަށެވެ.

" އަޅުގަނޑު ކުރިން ދަންނަވާހެން، ގައިން ތާހިރުނުވެ ތަރައްޤީގެ ވާހަކަ ކިހިނެއްތޯ ދައްކާނީ. ފުރަތަމަ ކަމަކަށް ކުރަންޖެހޭނީ އެކަން ނޫންތޯ. ތިމާއަށް ހަމަޖެހިލައިގެން ހުރެގެން ނޫންތޯ، ދެން ތަރައްގީގެ ވާހަކަ އަޅުގަނޑުމެންނަށް ދައްކަން ފެށޭނީ. އިރާދަކުރެއްވިއްޔާ، މިއަދު މަގޫދޫ މިވަނީ އެ މަރްޙަލާއިން ހުރަސްކޮށްފައި. މި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވި، ހިދުމަތް ލިބެމުން އެދަނީ" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ކުރިއަށް ދާން ވާނީ އަމަލީ ގޮތުން ކަންކަން ކުރާ ބަޔަކާ އެކުގައި ކަމަށާއި ހުވަފެނެއްގެ ތެރޭގައި ރައްޔިތުން ނުތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355