ވީ ވައުދާ އެއްގޮތަށް ކަންތައްތައް ކުރާ ބަޔަކާ ދޭތެރޭގައި ވިސްނުން ގެންގުޅެންވާނެ ކަމުގައި ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިފަދައިން ވިދާޅުވީ ފ މަގޫދޫ ފެނާއި ނަރުދަމާ މަޝްރޫއު އިފްތިތާހް ކޮށްދެއްވުމާއި، އަލަށް އިމާރާތް ކުރެވުނު ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން ތަރައްގީ ބޭނުންވާނެ ކަމަށާއި ތަރައްގީ ބޭނުންވާއިރުގައި، ވީ ވައުދާ އެއްގޮތަށް ކަންތައްތައް ކުރާ ބަޔަކާ ދޭތެރޭގައި ވިސްނުން ގެންގުޅެންވާނެ ކަމަށެވެ.
އަދި ކުރިމަތީގައި އޮތީ ރިޔާސީ އިންތިހާބު ކަމަށާއި އެކިއެކި ސިޔާސަތުތަކާ އެކީގައި ކެންޑިޑޭޓުން ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެހާހިސާބަށްވެސް ވިސްނަންވާނެ ކަމަށެވެ. އަދި ގަބޫލުކުރައްވަންވީ ކަމަކީ، ހުވަފެނެއްގެ ތެރޭގައި ނުތިއްބަވައި، އަމަލީގޮތުން އެ ކަންތައްތައް ކޮށްދޭ ބަޔަކާ އެކީގައި ކުރިއަށް ދިޔުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެކަން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ބައެއް ކަންފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއެއް ހިންގަން ސަރުކާރުން ވިސްނި އިރުގައި އެކި ރަށްރަށަށް ދިމާވެފައި ހުރި އަސާސީ ހިދުމަތްތަކުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ. މަގޫދޫ ރައްޔިތުންނަކީ ވެސް ޒަރޫރީ ހިދުމަތްތައް ބޭނުންވެފައި ތިބި ރައްޔިތުން ތިބި ރަށެއް ކަމަށް ވިދާޅުވިއެވެ.
މަގޫދޫ ތަރައްގީ ކުރުމަށް ބޭނުންވެފައި ތިބި އެ ރަށު ރައްޔިތުންނަކީ އެކުވެރިކަމާ އެކީގައި އެއް އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކުރާ ރައްޔިތުން ދިރިއުޅޭ ރަށެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއްގައި މަގޫދޫގެ ރައްޔިތުން ތިބެނީ އެކައްޗެއްގެ ގޮތުގައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނުބަލާ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެއިން ކޮންމެ ރަށެއްގައި ވެސް އުޅެނީ ދިވެހި ރައްޔިތުން ކަމަށްވާތީ ކަމަށެވެ. އެމީހަކު އުޅޭ ތަނެއް ނުވަތަ ވިސްނުން ހުރި ގޮތެއްގެ ސަބަބުން އެމީހަކަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުން މަހްރޫމްވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.