twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ތައުލީމު ކުރިއަރުވަން ސަރުކާރުގެ ފޯކަހެއް ނެތް

އަބްދުލް ވާހިދު ޙަސަން
May 31, 2023
4

ކުޅުދުއްފުށީގެ ތައުލީމު ކުރިއެރުވުމަށާއި ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ އެދެވޭގޮތުގައި ސަރުކާރުން ސަމާލުކަން ދެމުން ނުގެންދާކަމަށް ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު (ފޯއްޅެ) ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލްގައި މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު ވިދާޅުވީ، ރަށުގެ އެކި ކަންކަމަށް ފުދޭ ވަރަކަށް ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން މިސްކިތްތަކަށާއި ކުޅިވަރުތަކަށް އަދި ތައުލީމަށް ކައުންސިލުން މާލިއްޔަތު ބޮޑު ހޭދަކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން ކުޅުދުއްފުށީގެ ތައުލީމު ކުރިއެރުވުމަށް އެއްވެސް ވަރަކަށް ފޯކަސް ނެތް ކަމަށާއި ހާއްސަ ގޮތެއްގައި ސްކޫލުތަކުގެ އުމުރާނީ މަސައްކަތްތައް ކުރިއަށްނުދާކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އަފީފުއްދީން ސްކޫލުގެ އާ ކުލާސް ރޫމުގެ މަސައްކަތް ބަޖެޓް ކުރެވި ވީނަމަވެސް އެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަށްނުދާކަން ފާހަގަކުރެއްވި އެވެ.

އަދި ޖަލާލުއްދީން ސްކޫލުގެ ކުލާސް ރޫމު އިމާރާތާއި އާ ހޯލުގެ އިމާރާތުގެ މަސައްކަތްވެސް އެއްވެސް ވަރަކަށް ކުރިއަށްނުދާއިރު ޓިވެޓް ސެންޓަރުގެ މަސައްކަތްވެސް އެއްވެސް ވަރަކަށް ކުރިއަށްނުދާކަން މުހައްމަދު ފާހަގަކުރެއްވި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށްދިޔަކަމުގައިވިޔަސް އެ މަސައްކަތް ކުރަމުންދަނީ އެންމެ ރަނގަޅު ގޮތުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު ވިދާޅުވީ، ކުޅުދުއްފުއްޓަށް މުހިންމީ އާ ސްކޫލެއް ކަމަށާއި އެކަން ރައީސުލް ޖުމްހޫރިއްޔާއާ ހިއްސާކުރެވި ބަޖެޓްކޮށްފައިވީނަމަވެސް އެ މަޝްރޫއު ފެށިނުވާކަން ފާހަގަކުރެއްވި އެވެ.

ރަށުގައި ހުރި މަޝްރޫއުތައް ހުއްޓިފައިވަނީ ސިޓީ ކައުންސިލުން ނުވަތަ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެ މެމްބަރުން ނޫންނަމަ ރައްޔިތުން ސަރުކާރަށް އެއްބާރުލުން ނުދީގެން ނޫންކަން މުހައްމަދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355