ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ގެނައުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގަންނަވައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންނަކީވެސް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އިންތިހާބުވި ބޭފުޅުންނެވެ. އެކަމަކު އެމްޑީޕީގެ ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް އެކަށީގެންވާ ސަމާލުކަމެއްނުދޭތީ ހުރިހާ ކައުންސިލަރުން އެއްފަހަރާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި އެވެ.
ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވިތާ ތިންމަސް ނުވަނީސް ކައުންސިލަރު މުހައްމަދު ފިޔަވާ އެހެން ހުރިހާ ކައުންސިލަރުން އަނެއްކާވެސް އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ. އަދި ރިޔާސީ އިންތިހާބު ނިމެންދެންވެސް ކައުންސިލަރު މުހައްމަދު ހުންނެވީ ޑިމޮކްރެޓްސްގައި އެމްޑީޕީއާ ދެކޮޅަށެވެ.
ކޭއޯ އިން ސުވާލުކުރުމުން ކައުންސިލަރު މުހައްމަދު ވިދާޅުވީ، ޕީއެންސީއާ ގުޅިވަޑައިގެންނެވީ ރަށަށް ތަރައްގީ ހޯދުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމަށް އެންމެ ފަހި މަގަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވިގެންކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ ރަށަށް ތަރައްޤީ ގެނެވެން އޮތް އެންމެ ރަނގަޅު މަގުން ހިނގުމަށް ކަމަށެވެ. އަދި އޭރުގައި ޑިމޮކްރަޓްސް އާ ގުޅުނީ ސަރުކާރުން އެކަން ހާސިލުކުރެވިފައި ނުވާތީ ކަމަށެވެ. އަދި މިވަގުތަށްވެސް ރަށަށް އެންމެ ރަނގަޅު ގޮތަކީ ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ހޯދުމުގައި މަސައްކަތްކުރުން ކަމަށް ޤަބޫލު ކުރެވޭ ކަމަށް މުހައްމަދު ވިދާޅުވި އެވެ.
އަދި މިވަގުތު ކުޅުދުއްފުށީގެ ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށްޓަކައި ސަރުކާރު ހިންގާ މައި ޕާޓީއާ ގުޅި ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް މުހައްމަދު ވިދާޅުވިއެވެ. މުހައްމަދު ވާދަކުރައްވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށެވެ.