ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފި ނަމަ އެއް ޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "އެސްޕްރެސޯ ވިތު ރައީސް" ގެ ނަމުގައި ރޭ ޒުވާނުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މަޖިލީހަށް މިހާރު މެންބަރުން އިންތިހާބުވާ ގޮތަށް ބަލާއިރު ގޮނޑިތައް ބެހެނީ 40 އާއި 60 އާ ދެމެދު މައި ދެ ސިޔާސީ ޕާޓީގެ މެދުގައި ކަމަށެވެ.
ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފި ނަމަ ހުރިހާ ޕާޓީތަކުގެ މެދުގައި ހަމަހަމަކަމާ އެކު ގޮނޑިތައް ބެހިގެންދާނެ ކަމަށާއި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ 75 ނުވަތަ 80 ޕަސެންޓު ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަބަބަކީ ރައީސް ވިދާޅުވި ގޮތުގައި އެއްފަހަރާ އިންތިހާބަކަށް ދިޔުމުން އިންސާފުވެރިކަމާ އެކު އެއްވެސް ނުފޫޒެއް ނުފޯރުވައި ހަމަހަމަކަމާއެކު ވާދަ ކުރުމުގެ ފުރުސަތު ލިބޭނެތީ އެވެ.
"ވެރިކަންކުރާ ޕާޓީ ވެސް އެބަ ކުރިމަތިލާ. އެކަމަކު އެމީހުންނަށް ކޮން ގެރެންޓީއެއް އޮތީ ހޮވޭނެ ކަމުގެ؟ އެހެންވީމާ ހޮވިގެން ސަރުކާރުގައި ތިބެގެން މީހުން ކައިރިއަށް ދިއުމަށް ލިބޭ ފުރުސަތެއް ނުލިބޭނެ." ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް މަޖިލީހަށް އިންތިހާބުވެފައި ވަނީ ގިނައިން ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނެވެ. އެމަނިކުފާނުގެ ދައުރުގައި މަޖިލީހުގެ މެޖޯރިޓީ ލިބުނީ ސަރުކާރު ހިންގާ ކޯލިޝަނަަށެވެ. އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ސުޕަ މެޖޯރިޓީއެއް އެއް ޕާޓީއަކަށް ލިބުނެވެ. އަދި މި ދައުރުގައި އެއަށް ވުރެ ވެސް ބޮޑު މެޖޯރިޓީއެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކާމިޔާބު ކުރި އެވެ.
ނަމަވެސް އޭގެ ސަބަބުން ސަރުކާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ހަވާލުވެފައި އޮތް ޒިންމާ އަދާ ނުކުރެވޭ ކަމުގެ ޝަކުވާ އޮވެ އެވެ.




