ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމް ސަފީރު ކަމަށް ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދު އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ދިޔާނާގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުގައި އިންނެވެި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އިއުލާން ކުރައްވައިފަ އެވެ.
ދިޔާނާ އަށް ރުހުން ދިނުމާ ގުޅޭ ގޮތުން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ދިޔާނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ އެޓާނީ ޖެނަރަލްގެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން އޭނާ ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރައްވައިފަ އެވެ.
ހާރިޖީ ދާއިރާ އިން އޭނާ ކުރެއްވި އެންމެ ފަހަގަ ކޮށްލެވޭ މަސައްކަތަކީ ސާކް ގެ އެސްޖީގެ މަގާމެވެ. އޭނާ ވެގެން ދިޔައީ ސާކްގެ އެސްޖީއަކަށް އައްޔަން ކުރެވިގެން ދިޔަ ފުރަތަމަ އަންހެން ބޭފުޅަކަށެވެ.
މި ސަރުކާރުގައި އޭނާ ހުންނެވީ އެމްބަސިޑާ އެޓް ލާޖްގެ މަގާމުގަ އެވެ.




