twitterviber whatsapp telegramfacebookyoutube instagram
29th March 2026

ޒުވާނުންނަށް ހާއްސަކުރަން ވިސްނަނީ މަޖިލީހުގެ 10 ޕަސެންޓް: ރައީސް

މޫސާ އަލީ
Mar 29, 2026

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރަން މަޖިލީހަށް އިސްލާހު ހުށަހަޅާއިރު ވިސްނުންފުޅުގައި ހުރީ ޒުވާނުންނަށް 10 ޕަސެންޓް ހާއްސަ ކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅާއިރު ޒުވާނުންނާއި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަ ކުރުމަށް ވެސް ހުށަހަޅާނެ ކަން އިއުލާން ކުރައްވައިފަ އެވެ.

"އެސްޕްރެސޯ ވިތު ރައީސް"ގެ ނަމުގައި ރޭ ޒުވާނުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތްތަކެއް ނުނިންމަވާ ކަމަށާއި ގޮތްތަކެއް ނިންމާނީ ކަމާ ބެހޭ ފަރާތްތަކުގެ ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރީ ޒުވާނުންނަށް 10 ޕަސެންޓު އަދި އަންހެނުންނަށް ވެސް 10 ޕަސެންޓު ކަނޑައެޅުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ 10 ޕަސެންޓް އެއީ ގާތްގަނޑަކަށް ނުވަ މެމްބަރުން، 30 އަހަރުން ދަށުގެ ޒުވާނުން އަދި އަންހެން ނުވަ މެންބަރުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މީގެ އިތުރުން ވެސް ބޮޑެތި އިސްލާހުތަކެއް ގާނޫނުއަސާސީ އަށް ގެންނާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިނިވަން މުއައްސަސާތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ކުރިން އޮންނަ ގޮތަށް ނޮވެމްބަރު 11 އަށް ރައީސްގެ ދައުރު ނިމޭ ގޮތް ހެދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355