twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެމްޑީޕީން ވަކިވީ ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން އިޖާބަ ނުދިނުމުން: މޭޔަރު

އަބްދުލް ވާހިދު ޙަސަން
May 31, 2023
5

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެ، ދަ ޑިމޮކްރެކްޓްސްއާ ގުޅިވަޑައިގެންނެވި ސަބަބު ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ހާމަކުރައްވައިފި އެވެ.

އަންގާރަދުވަހު ކުޅުދުއްފުށީގައި އޮތް ރަސްމިއްޔާތެއްގައި މޭޔަރު އާތިފުއާއެކު ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ އަލަށް އުފައްދަން މަސައްކަތްކުރަމުންދާ ޑިމޮކްރެކްޓްސްއަށް ސޮއިކުރައްވާ، އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފަށް ފޯމު ހަވާލުކުރައްވާފަ އެވެ.

އެމްޑީޕީން ވަކި ސަބަބު ރައްޔިތުންނަށް ހާމަކުރެއްވުމުގެ ގޮތުން މިއަދު ފޭސްބުކްގައި އާތިފު ލިޔުއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް ދިވެހިރާއްޖޭގެ ވެރިކަން ހަވާލުކުރީ ވަރަށް ފޮނި އުންމީދުގައި ކަމަށެވެ އަދި ވަކީން ހާއްސަކޮށް ކުޅުދުއްފުށިން އެމްޑީޕީ އަށް ބޮޑު އަގުލަބިއްޔަތެއްދިނީ ރަށުގެ ތަރައްގީގެ ދުވެލި ބާރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ އިގުތިސޯދީ އަދި އިޖުތިމާއީ ފުރުސަތުތަކެއް ފަހިވާނެކަމުގެ ފޮނި އުންމީދުގައި ކަމަށެވެ.

އަދި މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީގެ ދެ ދާއިރާގެ 2 ގޮނޑިއާއި، ސިޓީ ކައުންސިލްގެ 7 ގޮނޑިއަށް އެމްޑީޕީ މެންބަރުން އިންތިހާބުކޮށްދިނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ މަސައްކަތްތަކުގެ އިތުރުން، މައި ސަރުކާރަށް ކުރި އުންމީދުތަކުގައި އަވަހަށް ކުލަޖެއްސުމަށް ބާރުއެޅުމުގެ ގޮތުންނާވެސް އެކުގައިކަން އާތިފް ފާހަގަކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ، އެހެންނަމަވެސް ސަރުކާރަށް 5 އަހަރު ފުރުމާއިގާތްވެފައިވާއިރުވެސް ކުޅުދުއްފުށީގެ ތަރައްގީއަށް ރައްޔިތުން އުންމީދުކުރިވަރާ ގާތައްވެސް ސަރުކާރުން މަސައްކަތް ކޮށްދެއްވާފައިނުވާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮންމެދުވަހަކު އަޑުއިވެމުންދިޔަ ކަމަށެވެ.

"މި އަޑުތައް ސަރުކާރާއި ހިސާބަށް އެތައް ފަހަރެއްގެ މަތިން ލިއުމުންނާއި އަނގަބަހުން ގެންދެވިފައިވާއިރު އެކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން އަމަލީ ސިފައެއް ފެންނަމުން ނުދިއުމަކީ މިއަދު އަޅުގަނޑު ސަރުކާރަށް ކުރިތާއީދު އަނބުރާގެންނާން ޖެހުނު މައިގަނޑު ސަބަބުކަމުގައި ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ." މޭޔަރު އާތިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގައި މިއަދު ހުރުމަކީ ރަށުގެ ރައްޔިތުންނަށް ވެވޭ އިހުމާލެއްކަމަށް ފެންނާތީއާއި ކުޅުދުއްފުށީގެ އެމްޑީޕީގެ ގިނަ އާންމު މެންބަރުންވެސް މި 5 އަހަރު ކުޅުދުއްފުށީގެ ތަރައްގީއާމެދު ކުރަމުންދިޔަ އުންމީދު ހާސިލްނުވެ ޕާޓީއަށް ކުރި އިތުބާރު ގެއްލި މާޔޫސްވެފައިވާތީ، ރައްޔިތުންގެ ހައްގުގައި ތެދުވެ މިހާރަށްވުރެ ރަނގަޅުގޮތެއް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ މިއަދު ރައްޔިތުން މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަމުން އަބަދުވެސް އެމަގުން މަސައްކަތް ކުރުމުގައި ދެމިހުންނާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި މަސައްކަތުގައި ވީހާވެސްގިނަ ރައްޔިތުން ޝާމިލްވެ ކުޅުދުއްފުށީގެ ތަރައްގީއާއި ތަމައްދުން އާރާސްތުކުރުމަށް މަސައްކަތްކުރުމެވެ. އަޅުގަނޑު ދޭ ޔަގީން ކަމަކީ ކިތަންމެ އުނދަގުލާއި ދަތީގައި މަސައްކަތް ކުރަން ޖެހުނު ކަމުގައިވީނަމަވެސް އަޅުގަނޑަށް އަބަދުވެސް އެންމެ މުހިންމުވާނީ ރައްޔިތުންކަމެވެ." މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355