އުމުުރުން ދުވަސްވީ އިސް ރަށްވެހިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް މިހެން ވިދާޅުވީ އައްޑޫސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވި ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުންނެވެ.
އައްޑޫ ސިޓީއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހެޔޮ ބަދަލު ގެނައުމަށް ޓަކައި މިހާރު ކުރަމުން އަންނަނީ އުސޫލުތައް މުރާޖާކުރުުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެއްވަމުން އަންނަ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން އިޢުލާން ކުރައްވާނެކަމަށެވެ
ރައީސް ވިދާޅުވީ ކޮވިޑްގެ އާލަމީ ބަވާ ކުރިމަތި ނުވިނަމަ ސަރުކާރުގެ ހުރިހާ ދާއިރާތަކެއްގެ މުސާރައަށް ބޮޑު ބަދަލެއް ނެގެވުނީސް ކަމަށެވެ.
އެހެން ނަމަވެސް މިހާރު ކުރިއަށްދާ ޕޭ ހާމަނައިޒޭޝަންގެ ތެރޭގައި، މިހާރު މުސާރައަށް ބަދަލު އަހިސްފައިނުވާ ހުރިހާ ދާއިރާއެއްގެ މުސާރައަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިިއެވެ.
"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސްރަށްވެހިންނަށް ދޭ އެލަވަންސްއަށް ގެންނަން ޖެހޭ ބަދަލު. އެވެސް މިހާރު އަޅުގަނޑުމެން މިދަނީ މުޠާލިއާ ކުރަމުން" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިސްރަށްވެހިންގެ އެލަވަންސްއަށްވެސް ހެޔޮ ބަދަލު އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ބޮޑު ބަދަލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ މަރަދޫ އާއި ހަންކެނޑެ ސަރަހައްދުގެ ބިންހިއްކުމުގެ ބިޔަ މަޝްރޫޢާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އެމަނިކުފާނު ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ އައްޑޫ ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ.