ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ގައުމަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އއ އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި އޭގެ ތެރެއިންވެސް ހައްލު ހޯދަން ޖެހިފައިވާ އެންމެ ބޮޑު އެއް ކަމަކީ ޕްލާސްޓިކް ކުނީގެ މައްސަލަ ކަމަށެވެ.
އަދި އެކަމާ ދެކޮޅަށް ސިންގަލް ޔޫސްޑް ޕްލާސްޓިކުގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި އަދި ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 ޕަސެންޓް މަދުވެފައިވާ ކަމަށެވެ. އަދި ކުރިމަގުގައި ޕްލާސްޓިކުގެ އިތުރު އައިޓަމްތައް މަނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުގެ އަމާޒަކީ، ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ގައުމަކަށް ހެދުން. އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން. ކުނި މެނޭޖް ކުރުމުގެ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު,” ރައީސް ވިދާޅުވި އެވެ.
އެ ޖަލްސާގައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމުގައިވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި، ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު 3 ވީޑިއޯ ދައްކާފައެވެ.