twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފާރިސް ކަރައިގެ ކިސްރާގެ ތާޖު ލިބިވަޑައިގަތް ސަޙާބީ

ހ.މ
Jun 9, 2023

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހިޖުރަ ކުރެއްވި ހާދިސާއެވެ. އިތުރު އެކަލޭގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅައިގައި ތިންދުވަހު އިންނެވުމަށްފަހު، ނުކުމެވަޑައިގެން މަދީނާއަށް ވަޑައިގަތުމަށް ދަތުރުފުޅު ފެއްޓެވިއެވެ. މައްކާގެ މުޝްރިކުން ތިބީ އެކަލޭގެފާނުގެ އިސްތަށިފުޅުގެ ބަދަލުގައި، މައްކާގެ ބޮޑުން ކަނޑައަޅާފައިވާ 100 ޖަމަލުގެ އިނާމު ލިބިގަތުމުގެ އުންމީދުގައި އެކަމަށް ފެން ބޮވައިގެންފައެވެ. އެ އެންމެންގަނޑު ދިޔައީ އެކަލޭގެފާނު ހޯދުމުގައި ހޭބޯނާރައި މަސައްކަތް ކުރަމުންނެވެ.

ކޮންމެއަކަސް، ސުރާޤާ އިބްނު މާލިކު ކިޔުނު މީހަކަށް، ކީރިތި ރަސޫލާ އާއި އަބޫބަކުރު ގެފާނު ހޮހޮޅައިން ނުކުމެވަޑައިގަންނަވާ މަންޒަރު ފެނިގެން، ޢަދާވާތްތެރިކަން ބޮޑުކަމުންނާއި ބޮޑު އިނާމުގެ ދަހިވެތިކަމާހުރެ، އެބޭކަލުންގެ ފަހަތްޕުޅުން އަހުގައި ދާން ފެށިއެވެ. ސުރާޤާގެ އަސް، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އިންނެވި ޖަމަލާއި ވަރަށް ކައިރިކޮށްލިތަނާ، އަހުގެ ހަތަރެސްފައި ހިލަބިމުގެ ތެރެޔަށްވަދެ ސުރާޤާ ބިންމައްޗަށް ވެއްޓުނެވެ. ސުރާޤާއަށް މިކަމަކީ، ކީރިތި ރަސޫލާއަށް މާތް ﷲ ގެ ހަޟްރަތުން ލިބިވަޑައިގަންނަވާ މަދަދެއްކަން އިޙްސާސްވެ، އެކަލޭގެފާނަށް ބާރު އަޑުން ދެންނެވިއެވެ. އޭ މުޙައްމަދު ގެފާނެވެ! އަހުރެން މިތަނުން ސަލާމަތް ކޮށްދެއްވުން އެދި މާތް ﷲ އަށް ދަންނަވައި ދެއްވާށެވެ! އެވަގުތު ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ގެ ދުޢާފުޅުން މާތް ﷲ އޭނާ އާއި އޭނާގެ އަސް ސަލާމަތް ކޮށްދެއްވިއެވެ. އަދި ސުރާޤާ އިސްލާމްވިއެވެ.

އެވަގުތު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ސުރާޤާކުރެން އެއްސެވިއެވެ. އޭ ސުރާޤާއެވެ. ކަލޭގެ ބޮލުގައި ފާރިސް ކަރައިގެ ކިސްރާގެ ތާޖު އެޅޭ ހިނދު ބުނާނީ ކީކޭހެއްޔެވެ؟ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މިބަސްފުޅަށް އަހަރުތަކެއް ވޭތިވެ ހިނގައްޖެއެވެ. ސުރާޤާވެސް މިބަސްފުޅު ހަނދުމަފުޅު ހުރިކަމެއް ނޭނގެއެވެ.

މާތް ﷲ ރުސްސުންލެއްވި ޢުމަރު ޢިބްނު ޚައްޠާބުގެ ޚިލާފަތުގައި ފާރިސްކަރަ ފަތަހަވެ، ކިސްރާގެ ރަސްކަން ވެއްޓުނެވެ. ހަނގުރާމަ ނިމުމަށްފަހު، މަދީނާގައި ޢުމަރު ގެފާނު ހަނގުރާމައިން ލިބުނު ޣަނީމާ މުދާ ބައްސަވަމުން ގެންދެވިއެވެ. ހޫނު ގަދަކަމުން، ސުރާޤާވެސް ގަހެއްގެ ނިވަލަށް ވަދެވަޑައިގެން ހުންނެވިއެވެ. އެވަގުތު ޢުމަރުގެފާނު ހަރުއަޑުން ގޮވާލެއްވިއެވެ. ސުރާޤާ އިބްނު މާލިކު ކޮބައިތޯއެވެ؟ މިއަޑު އިވިފައި ސުރާޤާ ޢުމަރު ގެފާނާ ދިމާއަށް ބެއްލެވިހިނދު، ހީފުޅުވީ އެކަލޭގެފާނު އަތްޕުޅުމަތީ އިރު އޮތްހެންނެވެ. އޭގެ ވިދުވަރު ގަދަކަމުން ލޯތައް މެރެމުންދެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ.

ސުރާޤާއެވެ. ވަޑައިގަންނަވާށެވެ! ހިޖުރައިގެ ހޮހޮޅައިން ލިބިވަޑައިގަތް ޚަބަރާއި ކިސްރާގެ ތާޖުގެ ވާހަަ ހަނދުމަފުޅު އެބަހުރިތޯއެވެ؟ އެކަލޭގެފާނު އާދޭހޭ ދެންނެވުމުން، ޢުމަރުގެފާނު ވިދާޅުވިއެވެ. ކިސްރާގެ ރަސްކަން ފަނާވެ ހިނގައްޖެއެވެ. މިއަދަށްފަހު ދެނެއް ކިސްރާގެ ރަސްކަމެއް ނޯންނާނެއެވެ. މިއޮތީ ކަލޭގެފާނަށް ދެއްވަން ކީރިތި ރަސޫލާ އިޝާރާތް ކުރެއްވި ތާޖެވެ. އަވަހަށް ވަޑައިގަންނަވާށެވެ. މިހެން ވިދާޅުވެ ޢުމަރުގެފާނު ސުރާޤާގެ އިސްތަށި ފުޅުގައި ތާޖުކޮޅު އެޅުއްވިއެވެ. އެންމެން އެވަގުތު ތަކްބީރު އަޑުން އެތަން ގުގުމާލިއެވެ.

ނޯޓް: މިވާހަކަ ނަގާފައިވަނީ، ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ، ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަ – ހަތަރުވަނަ ބައި، މިފޮތުންނެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355