twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދަރިވަރުންނަށް ޑރ ހުދާގެ މުހިންމު ނަސޭހަތްކޮޅެއް

އަބްދުލް ވާހިދު ޙަސަން
Jun 9, 2023

ކޮންމެ ދާއިރާއަކުން ކުރިއަށްދިޔަކަމުގައިވިޔަސް ކާމިޔާބު ކުއްޖަކަށް ވެވޭނީ ރިވެތި އުޅުމާއި ރަނގަޅު އަހުލާގުންކަމަށް ވިދާޅުވެ ޑރ ހުދާ އާދަމު ދަރިވަރުންނަށް މުހިންމު ނަސޭހަތްތަކެއް ހަނދާކޮށްދީފި އެވެ.

ޖަލާލުއްދީން ސްކޫލުގެ ސާނަވީ އިމްތިހާނުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ ހުދާ ވިދާޅުވީ، ދަރިވަރުން މިއަދު ފުރިހަމަކުރެވިގެންދިޔައީ ތައުލީމީ ހަޔާތުގެ މުހިންމު ހަރުފަތެއްކަމަށެވެ. އަދި ކާމިޔާބު ދަރިވަރަކަށްވުމަށް ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ ކަމަށާއި އެކަމަކު ކާމިޔާބު ކުއްޖަކަށް ވެވޭނީ ހަމައެކަނި މަތީ ފާހެއް ނަގައިގެން ނޫންކަން ފާހަގަކުރެއްވި އެވެ.

ކާމިޔާބު ކުއްޖަކަށްވުމަށް އެންމެ މުހިންމުކަމަކީ ދީނީ ކަންކަމަށް ފަރުވާތެރިވެ، މައިން ބަފައިންނަށް ކިޔަމަންތެރިވުމާއެކު ރީތި އަހުލާގާއި އަމަލުތަކުގައި ހިފަހައްޓައިގެންކަން ޑރ ހުދާ ދަރިވަރުންނަށް ހަނދާކޮށްދެއްވި އެވެ.

ހޯދާ ސަނަދުތަކަކީ މީހުންނަށް ފެންނަ ހުންނާނެ ތަކެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ޑރ ހުދާ ވިދާޅުވީ، ފެންނަ ހުންނާނީ އެ ކުއްޖެއްގެ އަމަލާއި ރިވެތި އުސޫލުތައް ކަމަށެވެ. އެގޮތުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ، ހުރިހާ ޑޮކްޓަރުންވެސް ކިޔަވައިގެން އަންނަނީ އެކައްޗެއް ކަމަށާއި އެކަމަކު ކޮންމެ ޑޮކްޓަރަކު އެންމެ ކާމިޔާބު ޑޮކްޓަރަކަށް ނުވާ ކަމަށެވެ.

ޑރ ހުދާ ވިދާޅުވީ، އެންމެ ކާމިޔާބު ޑޮކްޓަރަކަށްވުމަށް ނުވަތަ މީހުން ތެރޭގައި މަގުބޫލު ޑޮކްޓަރަކަށް ވެވެނީ ބަލި މީހާއަށް އަޅާލައި އޯގާތެރިވެ، ބަލިމީހާ އާ އޮންނަ ގުޅުން ރަނގަޅުވެގެންކަން ފާހަގަކުރެއްވި އެވެ.

"އެހެން ވީމާ ކޮންމެ މައިދާނަކަށް ތި ކުދިން ނުކުތް ކަމުގައިވިޔަސް ކާމިޔާބު މިވެވެނީ ތިޔަ ކުދިންގެ އުޅުމާއި އަހުލާގުން. މާދަމާ ތިޔަ ކުދިން ކޮންމެ ރޮނގަކުން ކުރިއަރައިގެން ދިޔަކަމުގައިވިޔަސް ކިތަށްމެ ދުރަށް ކިޔެވިކަމުގައިވިޔަސް މިކަންތައްތަކަކީ ތިޔަ ކުދިން ހަނދާންކުރަން ޖެހޭނެ ކަންތައްތައް. ކިތަށްމެ މަތީ ފާހެއް އޮތްކަމުގައިވިޔަސް ތި ކުދިންވާން ޖެހޭނެ ރަނގަޅު ކުދިންކަމުގަ." ކޭއާރުއެޗުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ ހުދާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355