twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފަސޭހަކަމާއެކު ނޮޅިވަރަންފަރު ބަލިކޮށް ޒިގްޒެގަށް ސެމީގެ ފުރަތަމަ ޖާގަ!

މުޙައްމަދު އަހުމަދު
Jun 11, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕު 2023 ގައި މިއަދު ފަސޭހަކަމާއެކު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބަލިކޮށް ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މެޗު ޒިގްޒެގުން ކާމިޔާބުކުރީ ފަހަތުން އަރާ 4 - 2 ން މޮޅުވެގެންނެވެ. މިމޮޅާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޒިގްޒެގުން މިވަނީ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ.

މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނޮޅިވަރަންފަރުންނެވެ. ނޮޅިވަރަންފަރުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފަ އެވެ. 13 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން އެޓީމުގެ ޖޯޒީ ނަމްބަރު 6 މުހައްމަދު އަހްސަން އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ން ނޮޅިވަރަންފަރު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފު ނަތީޖާ ހަމަހަމަކުރުމަށް ޒިގްޒެގަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ހިފޭގޮތް ނުވެފަ އެވެ. ނަމަވެސް ދެވަނަ ހާފު އިތުރަށް ކުޅުން ރަނގަޅުކޮށްގެން ޒިގްޒެގުން ނުކުތްއިރު އެޓީމުން ވަނީ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހާފަ އެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 8 އަހްމަދު ހަސަން އެވެ. އޭގެ ހަތަރުވަރަކަށް މިނެޓުފަހުން ޒިގްޒެގުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ބޭރު ކުޅުންތެރިޔާ ޖެރީ އެވެ. 62 ވަނަ މިނެޓުގައި އަބޫބަކުރު އާދަމް (އަބޫ) ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.

ޒިގްޒެގުގެ 4 ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ތަރި މަތީން ބަޝީރު އެވެ. އޭގެ 10 ވަރަކަށް މިނެޓުފަހުން ނޮޅިވަރަންފަރުގެ މުހައްމަދު ސަމީހު އެޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް ނަތީޖާ ހަމަހަމަކުރެވޭވަރެއް ނުވެ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒިގްޒެގުގެ

މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. މާދަމާ ހަވީރު 4 ޖަހާއިރު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ މާއްޓޭ ސްޕޯޓްސްއާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މިމެޗު ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355