twitterviber whatsapp telegramfacebookyoutube instagram
6th May 2024

ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތުމުން މަޖިލިސް ޖަލްސާ ނުފެށުނު

ނަބީލާ އިސްމާޢީލް
Jun 13, 2023

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ނެތުމުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އިއުލާނުކޮށް، ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ.

އެހެންވެ، އިއްޔެ އެކަން އަންގާ މަޖިލީހުގެ ރައީސަށް ވާނީ ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރައްވައި ނިޔުޝާ ވިދާޅުވީ، އެހެންނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެ ނަޝީދުވަނީ މިދިޔަ ހަފްތާތެރޭ އަންގަވައިފައެވެ.

އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅާފައެއްނުވެ އެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ.

އެކަމަކު، އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ވަކި މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355