ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ފޯރިގަދަ ކުޅުދުއްފުށި ޗެމްޕިއަންޝިޕުގެ ލިމޭގެ ޖާދުލުން މިއަދު ފަސޭހަކަމާއެކު ހިރަފުސް ސްޕޯޓްސް ކުލަބް ކަޓުވާލާ ނޮޅިވަރަމުގެ ކުލަބް ހުވާސް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި އެވެ.
މިއަދު ކުޅުނު މެޗުގައި ހިރަފުސްގެ މައްޗަށް ހުވާސްއިން ކުރިހޯދީ 3 - 1 ންނެވެ. މިމެޗުގައި ހުވާސްގެ ޒުވާން ކުޅުންތެރިޔާ ސާލިމް މުހައްމަދު (ލިމޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ކޮންމެ މެޗެއްގައި ވެސް ލިމޭ ތަފާތު ދައްކަމުން އަންނައިރު އޭނާ ވަނީ މިއަދުގެ މެޗުގައި ދެލަނޑު ޖަހާފަ އެވެ.
ލިމޭގެ ލަނޑުން މެޗުގެ 5 ވަނަ މިނެޓުގައި ހުވާސް ލީޑު ނެގި އެވެ. އޭގެ އިރުކޮޅެއްފަހުން 20 ވަނަ މިނެޓުގައި ހުވާސްއަށް ލީޑު ފުޅާކޮށްދިނީ މާއްދު އަދުނާނެވެ. މާއްދުގެ ލަނޑާއެކު ހުވާސްއިން ހަމަޖެހިލިއިރު ފުރަތަމަ ހާފު އެޓީމުން ނިންމާލީ ހިރަފުހުން ލަނޑެއް ޖެހިޔަނުދީ ދެލަނޑުގެ ލީޑެއްގައި އޮވެ އެވެ.
މެޗުގެ ދެވަނަ ހާފު ހިރަފުހުން ކުޅުން ރަނގަޅުކޮށް މެޗުގައި ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. ހިރަފުހުން މެޗު ތެރެއަށް އެނބުރި އައުމަށް ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ 71 ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ ޖަހައިދިން ލަނޑުންނެވެ. މިލަނޑާއެކު ހިރަފުހުން އުއްމީދު އާކުރި ނަމަވެސް އޭގެ 2 މިނެޓުފަހުން އަނެއްކާވެސް ހުވާސްއަށް ލީޑު ފުޅާކޮށްދީ ލިމޭ ވަނީ އެޓީމަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.
ލިމޭގެ ޖާދުލާއެކު ހިރަފުސްގެ މައްޗަށް ހުވާސްއިން ކުރިހޯދާ ސެމީއަށް ދަތުރުކުރިއިރު މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ހުވާސްގެ ޖޯޒީ ނަމްބަރު 7 ލިމޭ އެވެ. މުބާރާތުގައި ވިދަމުން އަންނަ ކުޅުންތެރިޔެއްގެ ގޮތުގައި ލިމޭ ފާހަގަކުރެވޭއިރު ހުވާސް ސެމީއަށް ދަތުރުކުރުމުގައި އޭނާގެ ރޯލު ބޮޑެވެ.
މިމޮޅާއެކު ގްރޫޕުގެ ފަހު މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ހުވާސް މިވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ. މިގްރޫޕުން ސެމީއަށް ދަތުރުކުރާ އަނެއް ޓީމު ޔަގީންވާނީ މާދަމާ ކުލަބް ކޮރަލްސްއާ ނައިވާދޫ ޓްރެއިނާސް ކުލަބް ބައްދަލުކުރާ މެޗުންނެވެ. މާދަމާގެ މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގަ ކޮރަލްސްއަށް ލިބޭއިރު ސެމީއަށް ދަތުރުކުރަން ބޭނުންނަމަ ރަނގަޅު ތަފާތަކުން މާދަމާގެ މެޗުން މޮޅުވާން ކޮންމެހެން ވެސް ނައިވާދޫއަށް މަޖުބޫރުވާނެ އެވެ.
ފޯރިގަދަ ކުޅުމެއް ފެންނާނެ މެޗެއްގެ ގޮތުގައި މާދަމާގެ މެޗު ބެލެވޭއިރު މިމެޗު އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. މިމެޗު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ.