twitterviber whatsapp telegramfacebookyoutube instagram
30th April 2024

ސަރުކާރުތަކުން އަޅައެއް ނުލި، ކުޅުދުއްފުށި ޕޯޓް ތަރައްގީކުރަންވީ ސިޓީ ކައުންސިލުން: ނަޝީދު

އަބްދުލް ވާހިދު ޙަސަން
Jun 16, 2023

ސަރުކާރުން ކަމެއްކުރާނެ ވާހަކަ ދެއްކުމެއް މިހާރު ނެތް ކަމަށާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ސިޓީ ކައުންސިލުން ތަރައްގީކޮށް ނިންމަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، މާލެ ފިޔަވާ އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރަށަކީ ކުޅުދުއްފުށީ ކަމަށްވާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރާނީ ކުޅުދުއްފުށީގެ އިންޓަނޭޝަނަލް ޕޯޓް ތަރައްގީކުރުން ކަމަށެވެ.

" ސަރުކާރުތަކުން މިކަންކަމަށް ރައްޔިތުން އެދޭ މިންވަރަށް އަހަމިއްޔަތުކަން ދީ އަޅައެއް ނުލެވޭ. މާ ދުރުގާ ތިބެނީ މިތަންތަނެއް އަބަދަކު ނުއެއް ފެނޭ." ކުޅުދުއްފުށީ ޕޯޓްގެ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

2005 ވަނަ އަހަރު ހުޅުވި އެ ޕޯޓްގެ ބޭނުން އަދިއަދަށްދާންދެންވެސް ރަނގަޅަށް ބޭނުންކުރަން ނުފެށިވާ ކަމަށާއި އަމާޒަކަށްވާންވީ ރާއްޖޭން ބޭރުން ބޯޓް ފަހަރު އައިސް އެ ބަނދަރަށް މުދާ ބޭލޭނެ ގޮތަކަށް ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ސަރުކާރެއްގައިވެސް އަދި މިހާރު މިއޮތް ކައުންސިލްގެ ތިން އަހަރުގެ ތެރޭގައި މިއީ ކުރެވެން އޮތް މަސައްކަތެކޭ. މި މަސައްކަތް ކުރަން އަޅުގަނޑުމެން އެންމެ އުޅެންވީ. މިތަނަށް ކުރެވޭ ހަރަދަކީ މުޅި މިސަރަހައްދަށް ކުރެވޭ ހަރަދެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށް ކަމަށާއި އެރަށުގެ އުންމީދު ފޮނި ކަމަށެވެ.

ރައީސް ނަޝީދު ވަނީ ޕޯޓްގެ މަސައްކަތް ކުރިއަށްނުދާތީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީ ޕޯޓް ތަރައްގީކުރުމަށް ވަކި ބޯޑެއްވެސް އުފެއްދެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355