twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރަކަށް އިބާދާ

އަބްދުލް ވާހިދު ޙަސަން
Jun 18, 2023

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު، ކުޅުދުއްފުށީ / ވަށަފަރުގެ، މަރިޔަމް އިބާދާ އަބޫބަކުރު ހޯދައިފި އެވެ. އެ ސްކޫލުގައި ރޭ ބޭއްވި 2021-2022 ވަނަ ދިރާސީ އަހަރުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދެވެ.

އިބާދާ ހޯދި ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދުމުގެ އިތުރުން ސާނަވީ އިމްތިހާނުތަކުން ރާއްޖޭއިން ހަތަރުވަނަ ހޯދާފަ އެވެ. އިބާދާގެ އިތުރުން އެ ސްކޫލުގެ ތިން ދަރިވަރަކު ވަނީ ސާނަވީން ނިންމާ ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގެ ހިމެނިފަ އެވެ.

ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ހަތަރު ދަރިވަރުން:

- 4 ވަނަ | މަރިޔަމް އިބާދާ އަބޫބަކުރު

- 5 ވަނަ | އައިޝަތު މުޒުނާ މުހައްމަދު

- 8 ވަނަ | އައިމިނަތު ރިޝްމާ ހަސަން

- 8 ވަނަ | އަހުމަދު އަތޫފު މުހައްމަދު

26 އަހަރަށްފަހު އޯލެވެލް ހެދި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 30 ދަރިވަރުންވެސް ސްކޫލަށް ރަންވަނަތަކެއް ހޯދައިދިނެވެ.

20 އޭ ސްޓަރ އާއި 33 އޭ ހޯދިއިރު ހަތަރު މާއްދާއަކުން 100 އިންސަތަ ދަރިވަރުން ފާސްވި އެވެ. އެއީ ފިޒިކްސް އާއި ކެމިސްޓްރީ، އެކައުންޓްސް އަދި ކޮމްޕިއުޓަރެވެ. އެކޮނޮމިކްސް އިން 82 އިންސަތަ ދަރިވަރުން ފާސްވިއިރު ބަޔޮލޮޖީ 89 އިންސަތަ ދަރިވަރުން ފާސްވި އެވެ.

މީގެ އިތުރުން ބިޒްނަސް އާއި އިސްލާމާއި ދިވެހި އަދި އިނގިރޭސިން 78 އިންސަތަ ދަރިވަރުން ފާސްވި އެވެ. ހިސާބުން 72 އިންސަތަ ދަރިވަރުން ފާސްވިއިރު މެރިން ސައިންސުން ފާސްވީ 50 އިންސަތަ ދަރިވަރުންނެވެ. މިދިޔަ އަހަރު އެ ސްކޫލުގައި ބީޓެކް ކިޔަވައިދީފައެއްނުވެ އެވެ.

67 އިންސަތަ ދަރިވަރުން ފަސް މާއްދާއިން ފާސްވިއިރު ތިން މާއްދާއިން ފާސްވެފައިވަނީ 82 އިންސަތަ ދަރިވަރުންނެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ހާއްސަ މަގާމުތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދިނެވެ. ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ސްކޫލުތަކުގެ ވެރިންނާއި ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355