twitterviber whatsapp telegramfacebookyoutube instagram
9th May 2024

އަޅުވެތިކަމުން ސަލާމަތްވުމުގެ ކަށަވަރު ފަރުވާއަކީ ސަރަހައްދީ އަދި ބައިނަލް އަގުވާމީ ސުލްހަ

ނަބީލާ އިސްމާޢީލް
Jun 21, 2023

އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލް އަގުވާމީ ސުލްހަކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ގައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ ހިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތު އޮތީ ރޭ ކަޅުތުއްކަލާކޮށީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައިބައިވުން އުފެދިދާނެ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމެއްކަމުގައި ވިދާޅުވި އެވެ.

ވަޒީފާގެ މަސްއޫލިއްޔަތުގެ އިތުރުން ފަރުދީ ހައިސިއްޔަތުން ވެސް، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމުގައި ދެމިތިބި ބައެއްކަމަށެވެ. އަދި މިޒަމާނުގައި، އަޅުވެތިކަމުން ސަލާމަތްވެ ތިބުމަށް އޮތް އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލް އަގުވާމީ ސުލްހަކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން އަންނަނީ ޤައުމުތަކާއި އެކު ގުޅުންތައް ދަމަހައްޓައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސިފައިންގެ ހިދުމަތަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އިލްމީ ގޮތުން ގާބިލު އަދި އަސްކަރީ ހުނަރުވެރިކަމުގައި އެންމެ މަތީ ފަންތީގައި ގުނައިލެވޭނެ ސިފައިން ދިވެހި އަސްކަރިއްޔާގައި މިހާރު އެބަތިބި ކަމަށެވެ. މީގެ އިތުރުން ދިވެހިންގެ ދިފާއުގައި އަދި ދިވެހި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައި، ދިވެހި ސިފައިން، އެއްގަމާ ކަނޑާ ވައިގެމަގުން ކުރަމުން އަންނަ މަސައްކަތްތަކާއި މަދަނީގޮތުން ކުރަމުން އަންނަ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ޢަސްކަރިއްޔާގެ ތަރައްޤީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ޤާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް މިހާރުވަނީ އިތުރުކުރެވިފައި ކަމަށް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ސިފައިންގެ ޤާބިލްކަން އިތުރު ކުރުމަށް، އެޑްވާންސް ވެޕަން ފަޔަރިންގ ސިމިއުލޭޓަރ ހޯދުމާއި، އެންޓި-ޑްރޯން ސިސްޓަމްތައް ހޯދުން ހިމެނޭކަމަށާއި، ކޯސްޓްގާޑުގެ ޚިދުމަތްތަކާއި، ސިފައިންގެ ފަޔަރ އެންޑް ރެސްކިޔޫގެ ހިދުމަތްތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެލް ޙާޞިލް ކުރެއްވި، ހަތަރު ރިޓަޔަޑް ޖެނެރަލުންނަށާއި، އެހެނިހެން މެޑަލްތައް ޙާޞިލްކުރެއްވި ސިފައިންނަށް މެޑެލް ޙަވާލުކޮށްދެއްވައި، އަދި ސިފައިންގެއަށް ރީތިނަން ހޯދައިދީފައިވާ ސިފައިންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެހުރިހާ ފަރާތްތަކަށްވެސް މަރުޙަބާއާ ތަޙުނިޔާ ވިދާޅުވެފައެވެ.

ދިވެހި ސިފައިންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައި ވަނީ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި، މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355