twitterviber whatsapp telegramfacebookyoutube instagram
9th May 2024

ބޮޑެތިވަމުން އަންނަ ކުދިންތެރޭގައި ދިވެހިން ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ވިސްނަންޖެހޭ ގައުމީ މައްސަލައެއް: ރައީސް

ނަބީލާ އިސްމާޢީލް
Jun 22, 2023

ދިވެހި މާހައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ވިސްނަންޖެހޭ ގައުމީ މައްސަލައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި، ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެޖަމުއިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ ފަންނުތައް ދިރުވައި އާލާކުރުމަކީ، ދިވެހި ގައުމިއްޔަތު ނެގެހެއްޓުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ދިވެހި ބަސް ދިރުވައި އާލާކުރުމާއި އަދަބީ ދާއިރާތަކުން، ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ކުރައްވާ އަގުހުރި މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިއުމަތަކީ ދިވެހިންގެ މާދަރީ ބަސްކަން ފާހަގަކުރައްވައި ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ދިވެހިންގެ އަދަބީ ފަންނުތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވައި މަދަރަސީ މާހައުލާއި އަދި އާންމު މުޖްތަމައުގައި އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެއްޓެއް އޮންނަންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ ބަހަކުން ތައުލީމު އުނގެނުނު ނަމަވެސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދިންގެ ތޫނުފިލިކަމާއި އިލްމީ ޤާބިލުކަން ވަރަށް މަތީގައި ހުރިނަމަވެސް ބައެއް ކުދިން ދިވެހި ބަހާ ވަރަށް ދުރުކަން ފާހަގަކުރައްވާފައެވެ. އަދި މި މައްސަލަ ހައްލުކުރުމަކީ ސަރުކާރާއި އަދީބުންނާއި ބަހުގެ އުސްތާޒުންނާއި އަދި މުޅި މުޖުތަމަޢުގެ ވެސް މަސްއޫލިއްޔަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއީ އަވަސް ހައްލެއް ނުހޯދައިފިނަމަ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް އަދަބިއްޔާތަށް ކުރިމަތިވެދާނެ މައްސަލައެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ އުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ އާންމުކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި އިބްރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355