twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މިސްޤާލް ކުޑަކުދިންގެ އީދު އުފާ: އަގުބޮޑު ލަކީޑްރޯއާއެކު ތަފާތު ގޭމްތައް

Jun 26, 2023

ބަރަކާތްތެރި އަޟްޙާ ޢީދާއި ދިމާކޮށް މިސްޤާލް ބޮޑުބެރު ގުރޫޕުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފި އެވެ. "މިސްޤާލް ކުޑަކުދިންގެ އީދު އުފާ 1444" ގެ ނަމުގައި ކުރިއަށްގެންދާ މި ހަވީރަކީ ކުޅުދުއްފުށީގެ އެކިއެކި މުވައްސަސާތަކާއި ޖަމިއްޔާތައް އަދި އަމިއްލަ ފަރުދުންނާ ގުޅިގެން ކުރިއަށްގެންދާ ހަވީރެކެވެ.

މި ހަރަކާތުގެ އެންމެ ބޮޑު މަގުސަދަކީ މަޖާ މާހައުލަކުން ކުޑަކުދިންނަށް އީދުގެ އުފަލުގައި ބައިވެރި ވުމުގެ ފުރުސަތު ފަހިކޮށްދިނުމާއި މުޖުތަމައުގެ އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އަދި މުވައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމުގައި މިސްޤާލް އިން ބުނެއެވެ.

އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހުގެ ހަވީރު 16:00 ޖަހާއިރު ފެށޭ މިހަރަކާތް އޮންނާނީ ކުޅުދުއްފުށީ ރަށްމަތިފަންނުގެ އުތުރު ސަރަހައްދުގައި، މަސްމާރުކޭޓުގެ ދެކުނުން އޮންނަ ހުސްބިމުގައެވެ. އެކިއެކި މުވައްސަސާތަކުން ތަފާތު ގިނަ ގޭމްތައް ހިމެނޭ ސްޓޯލްތައް މި ހަވީރުގައި ފެނިގެންދާނެއެވެ.

އޭގެ ތެރޭގައި، ހޫޕް އުކުން، މަސްބޭނުން، ފޭސް ޕެއިންޓިން، ފަދަ ގޭމްތައް ހިމެނެއެވެ. މީގެ އިތުރުންވެސް ސުޕަރ ކާރު، ސުޕަރ ސައިކަލު، އަދި އެނޫންވެސް އެހެން ވެހިކަލްތަކާއިއެކު ފޮޓޯނެގުމާއި، ވޯޓަރ ސްލައިޑްއަށް އަރާލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މި ހަރަކާތުގައި މިސްޤާލްގެ ބޮޑުބެރު ހަރަކާތްތައް، އަދި ކައިޓް ސާފިންގެ ހަރަކާތްތައް ވެސް ފެނިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މިހަވީރުގައި 3 ކެންޓީނަކުން ތަފާތު ބާވަތްތަކުގެ ކާބޯތަކެތިވެސް ލިބެންހުންނާނެއެވެ. އެއީ ލެގާޑޯ، ލެޝޮޓް، އަދި ސެސަލް ގްރިލްގެ ކެންޓީންތަކެވެ.

މި ހަވީރުގެ އެންމެ ހާއްސައެއް ކަމަކީ މި ހަވީރުގައި ކުރިއަށްގެންދާ އަގުބޮޑު ލަކީ ޑްރޯއެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ބައިވެރިވެވޭ މި ލަކީ ޑްރޯ ފެށޭނީ އެދުވަހުގެ 16:00 ގައެވެ. އަދި 17:30 ގައި ލަކީޑްރޯ ބަންދު ކުރުމަށްފަހު 17:45 ގައި ގުރުއަތުލުން ކުރިއަށްދާނެއެވެ. މި ލަކީޑްރޯ އިން އެއްވަނައަށް ދާ ކުއްޖަކަށް ލެނޯވޯ ލެޕްޓޮޕް ނޯޓްބުކްއެއް، ދެވަނައަށް ސްކައިވޯތް ސްމާޓް ޓީވީއެއް އަދި ތިންވަނަ އަށް ވާވޭ ޓެބްލެޓެއް މިސްޤާލްއިން ހުށަހަޅައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކަށް މިސްޤާލް އިން ޝުކުރުއަދާ ކުރެއެވެ. އޭގެ ތެރެއިންވެސް މި ހަވީރުގެ ސްޕޮންސަރުން ކަމުގައިވާ، ކުޅުދުއްފުށީ ސިޓީ ކައުންސިލް، އައިވެލް ޕޯރޓްރެއިޓް، މާޒިޔާ ޓްރޭޑާރސް 3، ދަ ބްލިސް، ބަތާނަ ރޭސިންގ ޓީމް، އިވެންޓް ޕްރޯ، އިފޫ ފޮޓޯގްރަފީ، ޑަބްލިއު ކްރާފްޓް ސެންޓަރ، އަދި ކޫލް އިންކްގެ ނަން މިސްޤާލްއިން ހާއްސަ ގޮތެއްގައި ފާހަގަ ކުރެއެވެ. މި ހަވީރުގައި ވީހާވެސް ގިނަ ކުދިން ބައިވެރިވުމަކީ މިސްޤާލް ބޮޑުބެރުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355