twitterviber whatsapp telegramfacebookyoutube instagram
9th May 2024

ވަންގަވް އަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން: ރައީސް

ނަބީލާ އިސްމާޢީލް
Jul 10, 2023
1

"ވަންގަވް" އާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި "ވަންގަވް" އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ހިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ގައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަންގަވްގެ ހިދުމަތާއެކު ޒަމާނުއްސުރެ ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭގޮތް ނުވުމާއި ހިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެއެވެ.

ރައީސް ސޯލިހު ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަންގަވްގެ ހިދުމަތްތަކަށް ކޮންމެ ގަޑިއެއްގައިވެސް އެދެވޭނެކަން ފާހަގަކުރައްވައި ވަންގަވްގެ ތެރޭން ލިބިގެންދާނެ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާހުކޮށްފައި ވަނީ 6 އިދާރާއެއްގެ ހިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ.

މި ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ 3 ސަރަހައްދެއްގައި ޤާއިމްކޮށްފައިވެއެވެ. އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވަންގަވްގެ ތެރޭން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355